އިޒްރޭލުގެ ފައިޓަރު ޖެޓުތަކުން ޣައްޒާގެ އަލްޖަލާ ޓަވަރު ގޮއްވާލީ އެ އިމާރާތުގައި ހަމާސްއިން އޮފިހެއް ހިންގާ ކަމަށް ބުނެ އެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވީ ހަމާސްގެ އޮފީހެއް އެ އިމާރާތުގައި ހުންނަކަން އިޒްރޭލަށް އަދި ވެސް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.
ގަތަރުގެ އަލްޖަޒީރާ އާއި އެމެރިކާގެ އެސޯސިއޭޓް ޕްރެސް (އޭޕީ)ގެ މީޑިއާ އޮފީސްތައް ހުންނަނީ މިއިމާރާތުގަ އެވެ. އަދި ބައިނަލްއަގުވާމީ އެހެން މީޑިއާތައް ވެސް 13 ބުރީގެ އަލްޖަލާ ޓަވަރުގައި ހުރެ އެވެ.
މީޑިއާ އޭޖެންސީތަކުން ބުނާ ގޮތުން އަލްޖަލާ ޓަވަރު ހިމެނެނީ ޣައްޒާގައި އެންމެ ދުވަސްވީ އުސް އިމާރާތްތަކުގެ ތެރޭގަ އެވެ. މިއިމާރާތުގައި 60 ޔުނިޓް ހުންނައިރު ލީގަލް ފާމްތަކާއި ޑޮކްޓަރުންގެ އެޕާޓްމަންޓްތައް ވެސް ހުރެ އެވެ.
ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަންގައި ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ބްލިކެން ވިދާޅުވީ އަލްޖަލާ މީޑިއާ ޓަވަރަށް އިޒްރޭލުން ހަމަލާ ދިން ސަބަބު އޮޅުންފިލުވައިދޭން އެދިފައިވާނެ ކަމަށާއި އިޒްރޭލަށް އަދިވެސް އެކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.
އެސޯސިއޭޓް ޕްރެސް އިން ބުނީ އިޒްރޭލުން އެމީހުންގެ މީޑިއާ އޮފިސް އިމާރާތަށް މިސައިލުން ހަމަލާ ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ބުނީ އެކަން ހިނގައިދިޔަ ގޮތް ސާފުކޮށްދޭން އިޒްރޭލުގައި އެދިފައިވާނެ ކަމަށާއި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓަށް ވެސް ދަންނަވާފައި ވާނެ ކަމަށެވެ.
އެސޯސިއޭޓް ޕްރެސްގެ ސީއީއޯ ގެރީ ޕްރޫޓް ވިދާޅުވީ ޣައްޒާއަށް އިޒްރޭލުން ދެމުންގެންދާ ގެއްލުންތައް އަންދާޒާކުރަން ވެސް ނޭނގޭ ކަމަށާއި މީޑިއާތަކަށް ކަވަރުކުރެވެނީ މަދު މިންވަަރެއް ކަމަށެވެ.
އިޒްރޭލުން ޣައްޒާގެ މަގުތަކަށް ވެސް ހަލަލާދީފައިވާ ކަމަށާއި މީޑިއާއަށް ޖެއްސުންކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާ ކަމަށެވެ.