އިޒްރޭލުގެ އަސްކަރިއްޔާއިން އެއްގަމާއި ކަނޑުން އަދި ވައިން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި 212 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ފަލަސްތީންގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
އޭގެ ތެރޭގައި ތެރޭގައި 61 ކުދިންނާއި 35 އަންހެނުން އަދި ދޮށީއުމުރުގެ 16 މީހުން ހިމެނެ އެވެ. މިނިސްޓްރީން ބުނީ އެކިވަރުގެ އަނިޔާ ލިބިގެން ރިޕޯޓްކުރި އަދަދު 1400 އަށް އަރާ ކަމަށެވެ.
އިޒްރޭލުން ބަރުހަތިޔާރުން ޣައްޒާއަށް މެދުނުކެނޑި ހަމަލާދެމުން ގެންދާތާ ހަފުތާއެއް ފާއިތުވީ އެވެ. ހަމަލާތައް ހުއްޓާނެ ތާރީހެއް މުއްދަތެއް ވެސް އަދި ނޭނގެ އެވެ. މިކަމާ ބެހޭ ގޮތުން މަޝްވަރާކުރި ނަމަވެސް ހާލަތު އޮތީ އެއްވެސް ބަޔަކަށް އަންދާޒާކުރެވޭ ގޮތަކަށް ވެސް ނޫނެވެ.
ޔަހޫދީ ދައުލަތުން ޣައްޒާއަށް މިސައިލުންދޭ ހަމަލާތައް މަގުތަކަށާއި ހަތަރުއަނގޮޅިތަކަށް މިހާރު ވަނީ އަމާޒުކޮށްފަ އެވެ. އެމެޖެންސީގައި ހޮސްޕިޓަލަށް އަދި ޒަރޫރީ ބޭނުންތަކުގައި އަވަހަށް ދަތުރުކުރަން އާންމުން ބޭނުންކުރާ ބޮޑެތި މަގުތަކައް ވެސް ވަނީ ހަލާކުކޮށްފަ އެވެ. މަންޒަރު ސިފަކޮށްދޭ މީހުން ބުނާ ގޮތުން ކޮންކްރީޓް ބްލޮކްތަކުން މަގުތައް ބަންދުވެފައި ހުރުމުން ދަތުރުފަތުރުކުރުން ގާތްގަނޑަކަށް ވަނީ ހުއްޓިފަ އެވެ.
އިޒްރޭލުން ޣައްޒާއަށް އަރައިގަތީ އެތައް ދުވަހެއް ވަންދެން ފަލަސްތީން އާންމުން ރުޅިއެރުވުމަށް ފަހު އެވެ. އެގޮތުން މަސްޖިދުލް އަގްސާގައި ތަރާވިސް ނަމާދަށް ތިބި އާންމުންނަށް ހަމަލާދީ ސަފުތައް ބުރުވާލި އެވެ. އަދި ޝެއިހް ޖައްރާހް އަވަށުން ފަލަސްތީން އާއިލާތައް ބޭރުކޮށް ނަސްލު ނައްތާލަން އަނިޔާވެރި އަމަލުތަކެއް ވެސް ހިންގި އެވެ.
ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ސިނާއީ މަރުކަޒުތަކާއި އުސް އިމާރާތްތައް އިޒްރޭލުން ވަނީ ބިމާހަމަކޮށްފަ އެވެ. ސުކޫލްތަކާއި އިޖުތިމާއީ މަރުކަޒުތައް އަދި މީޑިއާ އޮފީސްތައް ގޮއްވާލައި ވަނީ އަޅިއަށް ހަދާފަ އެވެ.
އިޒްރޭލުން އިރުމަތީ ގުދުސް ޖަހަގައިގަތީ 1967 ވަނަ އަހަރު ކުރި އަރަބި-އިޒްރޭލު ހަނގުރާމައިގަ އެވެ. އެއަށް ފަހު އިޒްރޭލުން ދަނީ ގުދުސްގައި ޔަހޫދީން ގެދޮރުވެރިކުރުމަށާއި ސިނާއީ މަސައްކަތްތަކަށް ބިންތައް ވިއްކައި އިމާރާތްކުރަމުންނެވެ.