ދަރުމެންދުރަ އަކީ އޭނާގެ އެންމެ ރަން ޒަމާނުގައި ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރި އެންމެ ރީތި އަދި އެންމެ ހިތްދަމައިގަންނަ ގޮތްތަކެއް ހުރި އެކްޓަރެވެ.
ކުރީގެ ގިނަ އެކްޓަރުންނާ ޚިލާފަށް ދަރުމެންދުރަ އަކީ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރިކޮށް އުޅޭ އެކްޓަރެކެވެ. އެގޮތުން އޭނާގެ ޒާތީ ދިރިއުޅުމުގެ ވާހަކަތަކާއި ފޮޓޯތައް އަދި މާޒީގެ ހަނދާންތައް އޭނާ އަބަދުވެސް ސޯޝަލް މީޑިއާގައި ޝެއާ ކުރެ އެވެ.
މިއަދު އޭނާ ކުއްލިއަކަށް ހަނދާންވީ އިހުގެ ފިލްމުތަކުން ފެނުނު ރީތި ބަތަލާ ސާދުނާ މަތިންނެވެ.
"ސާދުނާ ޖީ. ވަރަށް ހުނަރުވެރި އާޓިސްޓެއް. ވަރަށް ލޯބި އެހާމެ ހަރަކާތްތެރި އިންސާނެއް،" ސާދުނާ އާއެކު ކުޅެފައިވާ ފިލްމެއްގެ ފޮޓޮއަކާއެކު އޭނާ ލިޔެފައިވާ ކެޕްޝަންގައި ދަރުމެންދުރަ ލިޔެފައި ވެއެވެ.
ދަރުމެންދުރަ އިތުރަށް ލިޔެފައިވާ ގޮތުގައި ސާދުނާއާ އެކު އޭނާއަށް އެންމެ ފިލްމެއް ކުޅެވުނީތީ މިއަދު އެކަމާ ދެރަވެ އެވެ.
ސާދުނާއާ އެކު ދަރުމެންދުރަ ކުޅުނު ހަމަ އެކަނި ފިލްމަކީ 1970ގައި ރިލީޒްކުރި "އިޝްގް ޕަރް ޒޯރް ނެހީ" އެވެ. މި ފިލްމުގައި ސާދުނާ ވަރަށް މޮޅު ޕާފޯމަންސެއް ދައްކުވައިދީފައިވެ އެވެ.
ސާދުނާ އަކީ 60 އަދި 70ގެ އަހަރުތަކުގައި ބޮލީވުޑްގައި ވަރަށް ގަދަޔަށް ފިޔަޖެހި ތަރިއެކެވެ. އޭނާގެ އެންމެ ރީތި ފިލްމުތަކުގެ ތެރޭގައި "މޭރާ ސާޔާ"، "ވޯ ކޯން ތީ" އަދި "ވަގުތު" ހިމެނެ އެވެ. ތައިރޮއިޑްގެ މައްސަލަތަކަކާ ހުރެ މި ތިން ފިލްމަށް ފަހު ދުވަސްކޮޅަކަށް އޭނާ ފިލްމު ކުޅުން މެދުކަނޑާލައި ފަރުވާކުރަން ބޮސްޓަން އަށް ދިޔަ އެވެ. "އިންތިގާމް"، "އޭކް ޕޫލް ދޯ މާލީ" އަދި "ގީތާ މޭރާ ނާމް" އަކީ އެނބުރި އައިސް އޭނާ ކުޅުނު ފިލްމުތަކެވެ. އޭނާ އެންމެ ފަހުން ސްކްރީނުން ފެނިފައިވަނީ "އުލްފަތު ކީ ނައީ މަންޒިލޭން" ކިޔާ ފިލްމަކުން 1994 ވަނަ އަހަރު އެވެ.
ފިލްމްފެއާ ލައފްޓައިމް އެޗީވްމަންޓް އެވޯޑު 2002 ގައި ސާދުނާއަށް ލިބުނެވެ. އޭނާ އެންމެ ފަހުން އާންމުންގެ ތެރެއިން ފެނިފައިވަނީ މި އެވޯޑު ބަލާ ދިޔައިރު އެވެ.
"ސާދްނާ ކަޓް" އަކީ ސާދުނާ ފިލްމު ކުޅުނު ދުވަސްވަރު ވަރަށް މަޝްހޫރުވި ހެއާ ސްޓައިލެކެވެ. ވަރަށް ގިނަ ބަޔަކު އެ ޒަމާނުގައި އެ ގޮތަށް ނިއްކުރިމަތިން ކޮށާފައި ހުންނަ އެ ހެއާ ސްޓައިލް ކޮޕީ ކުރި އެވެ.
ސާދުނާ ކައިވެނިކުރީ އޭނާގެ "ލަވް އިން ސިމްލާ"ގެ ޑައިރެކްޓަރު އާރް.ކޭ.ނައްޔަރުއާ އެވެ. މި ކައިވެނި 30 އަހަރަށް ދެމިގެން ދިޔަ އެވެ. ނައްޔަރު 1995 ގައި މަރުވުމުން ސާދުނާ އުޅުނީ އެކަނިވެރި ދިރިއުޅުމެކެވެ. އަދި ހަޔާތުގެ ފަހު ދުވަސްތައް ހޭދަކުރީ ކެންސަރު ބައްޔާ ހަނގުރާމަ ކުރުމުގަ އެވެ.
އުމުރުން 74 އަހަރުގައި ކެންސަރު ބަލީގައި ސާދުނާ މި ދުނިޔެ ދޫކުރީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.