ޓީވީ ސީރީޒް

ތޫފާނު އަރައި "ޔޭ ރިޝްތާ ކިޔާ ކެހެލާ ތާ ހޭ" ސެޓަށް ބޮޑެތި ގެއްލުންތަކެއް

އިންޑިއާގެ މަހަރަޝްތުރަ އާއި ގުޖްރާތުގެ ބައެއް ރަށްތަކަށް ތޫފާނެއް އަރައި ބޮޑެތި ގެއްލުންތައް ދަނީ ވަމުންނެވެ. އެގޮތުން ގުޖްރާތުގެ ސިލްވާސާގައި ތައްޔާރުކޮށްފައިވާ ސްޓާ ޕްލަސްގެ މަޝްހޫރު ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާ ތާހޭ"ގެ ސެޓަށް ގަދަވަޔާއި ވާރޭގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރިފައިވާތީ މަހަރަޝްތުރާގައި އެއްވެސް ފިލްމެއް ނުވަތަ ޓީވީ ޝޯއެއްގެ ޝޫޓިން ބޭއްވުމުން އެ ސްޓޭޓުގެ ސަރުކާރުން މަނާ ކޮށްފައިވާތީ ބައެއް ސިލްސިލާތަކުގެ ޝޫޓިން މިހާރު ކުރިއަށް ގެންދަނީ އެހެން ސްޓޭޓްތަކުގަ އެވެ. އެގޮތުން "ޔޭ ރިޝްތާ"ގެ ޝޫޓިން ގުޖުރާތުގައި ކުރިއަށްދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.

މި ސިލްސިލާގެ ލީޑް އެކްޓަރު ކަރަން ކުންދުރާގެ އިންސްޓަގްރާމް ސްޓޯރީޒްގައި މި ސިލްސިލާގެ ޝޫޓިން ކުރިއަށްދާ ސެޓުގެ ބައެއް މަންޒަރުތައް ދައްކާލާފައިވެ އެވެ. އަދި ބޯ ވިއްސާރައިގެ ސަބަބުން މީހުންތައް ހިޔާވާން ދުވާ މަންޒަރާއި ޝޫޓިން ސާމާނު ރައްކާ ކުރަން މަސައްކަތްކުރާ ތަން ވެސް އޭނާ ވަނީ ދައްކާލާފަ އެވެ.

މި ސިލްސިލާގެ ޝޫޓިންގެ ބޮޑު ބައި ކުރިޔަށް ދަނީ ގުޖްރާތުގެ ރިސޯޓެއްގެ އިންޑޯގައި ކަމަށް ވާތީ އެހާ ބޮޑު ގެއްލުމެއް ނުލިބޭ ކަމަށް ޝޯގެ ޕްރޮޑަކްޝަން ހައުސްގެ މީހަކު އިންޑިއާގެ ނޫހަކަށް ބުނެފައިވެ އެވެ. ގެއްލުންވީ އައުޓް ޑޯގައި ޝޫޓްކުރަން ތައްޔާރުކޮށްފައިވާ ސެޓަކަށެވެ.

"ތޫފާން އަންނަކަން އެނގޭތީ ދުރާލާ ތިބީ ތައްޔާރުވެގެން. ނަމަވެސް ކުއްލިއަކަށް ބޯކޮށް ވާރޭ ވެހެން ފެށީމަ އައުޓް ޑޯގައި ހުރި އިކްއިޕްމަންޓްސް ކިރިޔާ ސަލާމަތް ކުރެވުނީ،" އެމީހާ ބުންޏެވެ.