ލައިފްސްޓައިލް

އެއްބަނޑު އެއްބަފާ ދެބެންނާ އެއްފަހަރާ ކައިވެނިކުރި ފިރިހެނަކު ހައްޔަރުކޮށްފި

މިއީ ފިލްމީ ވާހަކަ އެއް ނޫނެވެ. ހަގީގަތުގައި ވެސް ހިނގާފައިވާ ހާދިސާ އެކެވެ. އިންޑިއާގެ ކަރްނާޓަކާގެ ކޯލަރް ކިޔާ ސަރަހައްދެއްގެ މީހަކު ދާދިފަހުން އެއްބަނޑު އެއްބަފާ ދެބެންނާ އެއްފަހަރާ ވަނީ ކައިވެނި ކޮށްފަ އެވެ. މި ކައިވެނިކުރީ މި ހިނގާ މެއި މަހުގެ 7 ވަނަ ދުވަހު އެވެ.

ކައިވެނީގެ ފޮޓޯތަކާއި ވީޑިއޯތައް ދައުރުވެ އެ ސަރަހައްދުގެ ފުލުހުންގެ ސަމާލުކަމަށް މިކަން އައިސް އެމީހުން ވަނީ ކައިވެނިކުރި ފިރިހެން މީހާ ހައްޔަރުކޮށްފަ އެވެ.

އުމާޕަތީ ނަމަކަށް ކިޔާ މި ފިރިހެން މީހާ އެއްފަހަރާ ދެބެންނާ ކައިވެނިކުރީ ކީއްކުރަން ކަން އެނގޭ ހެއްޔެވެ؟ އަސްލު އުމާޕާތީ ކައިވެންޏަށް އެހީ އޭނާގެ ތިމާގެ ލަލީތާ ކިޔާ އަންހެނެއްގެ ކައިރިންނެވެ. ނަމަވެސް ކައިވެންޏަށް ލަލީތާ އެއްބަސްވީ އޭނާގެ ކޮއްކޮއާ ވެސް އުމާޕަތީ ކައިވެނިކުރާ މަތިންނެވެ. ލަލީތާ މިގޮތަށް ކަންތައް ކުރީ އޭނާގެ ކޮއްކޮ އަކީ މަންމަނެއް ވީމަ އޭނާއާ ކައިވެނި ކުރާނެ މީހަކު ނުލިބިދާނެތީ އެވެ.

އުމާޕަތީ މިގޮތާ އެއްބަސްވުމުން ލަލީތާ އާއި އޭނާގެ ކޮއްކޮ ސުޕްރިޔާ އެ ދުވަހު އުމާޕަތީ އާ ކައިވެނިކުރީ އެވެ.

މި ވީޑިއޯ ވައިރަލް ވުމުން ފުލުހުން އައިސް އުމާޕަތީ ހައްޔަރުކުރީ އޭނާ އެއްފަހަރާ ދެ މީހުންނާ ކައިވެނި ކޮށްގެންނެއް ނޫނެވެ. ސުޕްރިޔާ އަކީ 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކަށް ވާތީ އެވެ.

އެންމެ މަޖާ އިއްތިފާގަކީ ސުޕްރިޔާގެ ބައްޕަ ނާގަރައްޖައްޕާ އަކީ ވެސް މިގޮތަށް އެއްބަނޑު އެއްބަފާ ދެބެންނާ ކައިވެނިކޮށްގެން އުޅޭ މީހަކަށް ވާތީ އެވެ. ނާގަރައްޖައްޕަ ކައިވެނި ކުރި ރަނިޔައްމާ އާއި ސުބައްމާގެ ތެރެއިން ސުބައްމާ އަކީ ވެސް މަންމަނެކެވެ. އަދި މި ކައިވެނި ވެސް ކުރީ އުމާޕަތީ މެން ވެސް ކައިވެނި ކުރި ތަނުގަ އެވެ.

އެއް ކައިވެންޏަށް ވުރެ ގިނަ ކައިވެނި އެއްފަހަރާ ކުރުމަކީ ހިންދޫ މެރިޖް އެކްޓްގައި ބުނާ ގޮތުން ބޮޑުވެގެންވާ ކުށެކެވެ. އަދި އަނބިމީހާ ވަރިނުކޮށް ކުރާ ދެވަނަ ކައިވެންޏަކީ ޖާއިޒު ކައިވެންޏެއް ކަމަކަށް މި ގާނޫނު ގަބޫލެއް ނުކުރެ އެވެ.