ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާންގެ ގްރެޖުއޭޝަން ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލްވެއްޖެ އެވެ. އަދި ބައްޕަ ފަދައިން އާރްޔަން ވެސް ފިލްމީ ދާއިރާއަށް ވަރަށް އަވަހަށް ވަންނާނެ ކަމަށް ޝާހްރުކްގެ ފޭނުން މިހާރު ދަނީ ބުނަމުންނެވެ.
އާރްޔަން ބޮލިވުޑަށް ވަންނާނެ ކަމުގެ އުއްމީދު އޭނާގެ ބައްޕަގެ ފޭނުންނަށް އެހާ ބޮޑުވެގެން އުޅެނީ އާރްޔަން ކިޔަވާފައިވަނީ ފިލްމީ ރޮނގުން ކަމަށް ވާތީ އެވެ.
އެމެރިކާގެ ސްކޫލް އޮފް ސިނެމެޓިކްސް އާޓްސް އިން އާރްޔަން ހާސިލްކޮށްފައިވަނީ ފައިން އާޓްސް، ސިނެމެޓިކް އާޓްސް، ފިލްމް އެންޑް ޓެލެވިޒަން ޕްރޮޑަކްޝަންގެ ރޮނގުން ބެޗްލާޒް ޑިގްރީ އެކެވެ. އެހެންވެ އާރްޔަންގެ ބޮލީވުޑް ކެރިއަރާ މެދު ސުވާލެއް ވެސް ނެތް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
ނަމަވެސް ޝާޙްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާއާ ޚިލާފަށް ދޮށީ ދަރިފުޅު އާރްޔަން އަކީ ވަރަށް ޕްރައިވެޓް ދިރިއުޅުމެއް އުޅޭ ކުއްޖެކެވެ. އޭނާގެ ސޯޝަލް މީޑީއާ އެކައުންޓެއް ވެސް ނޯވެ އެވެ. އަދި މީހުންނާ މުއާމަލާތްކޮށް އުޅޭތީ ވެސް ވަރަށް ނުފެނެ އެވެ.
އެންމެން ނޭވާ ހިފަހައްޓާލައިގެން އާރްޔަން ބޮލީވުޑަށް ވަންނާނެ ދުވަހަކަށް އިންތިޒާރުކުރަމުންދާއިރު ބައްޕަ ޝާހްރުކް ފަދައިން އާރްޔަން އެކްޓަރަކަށް ވެދާނެ ކަމާ މެދު ވަރަށް ބޮޑަށް ޝައްކު ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ.
ފިލްމު ކުޅުމަށް ވުރެ ބޮޑަށް އާރްޔަންގެ ފޯކަސް ހުރީ ޑައިރެކްޝަނަށް ކަމަށް ޚުދް ޝާހްރުކް ވެސް ތަންކޮޅެއް ކުރިން ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވެ އެވެ.
ނަމަވެސް ސުހާނާ ކިޔަވަނީ އެކްޓިންގެ ރޮނގުން ކަމަށާއި އޭނާ ބޭނުންވަނީ ބަތަލާއަކަށް ވާން ކަމަށްވެސް ޝާހްރުކް ބުނެފައިވެ އެވެ.