ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

އެއްމާބަނޑު ދެބެން: 24 އަހަރު ފަހުން މަރުވީ އެކުގައި

އިންޑިޔާގެ މީރަތުގައި ދިރިއުޅޭ ގްރެގަރީ ރޭމޮންޑް ރަފަޔަލް އަދިވެސް ވަރަށް ރަނގަޅަށް އެ ދުވަސް ހަނދާން އެބަހުއްޓެވެ. އެއީ 1997 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހެވެ. އެ ދުވަހު އޭނާގެ އަންހެނުން ސޯޖާ އެއްމާބަނޑު ދެ ފިރިހެންކުދިން ވިހެއެވެ. ސޯޖާ ވިއްސި ޑޮކްޓަރު އޭނާއަށް ގުޅާފައި އަންހެނުންނާއި ދެބެންގެ ހާލު ވެސް ރަނގަޅު ކަމަށް ބުނި ވަގުތުކޮޅު ގްރެގަރީގެ ހަނދާނުން ދުވަހަކުވެސް ނުފިލާނެ އެވެ.

އޭނާގެ އެއްމާބަނޑު ދެ ދަރިން ހީވަނީ ހަމަ އެކަކު އަނެކަކުގެ ކޮޕީއެއް ހެނެވެ. އެހާވެސް ދެބެން ވައްތަރެވެ. ޒުވާން ދެމަފިރިން އެމީހުންގެ އެއްމާބަނޑު ދެ ދަރިންނަށް ކީ ޖޯފްރެޑް ވަރްގީސް ގްރެގަރީ އާއި ރަލްފްރެޑް ޖޯޖް ގްރެގަރީ އެވެ.

އެ ދެބެންގެ ހަޔާތުގެ 24 އަހަރު ހޭދަކުރީ އެކީގަ އެވެ. ކިޔެވުމާއި ކުޅިވަރު ކުޅުމާއި އެނޫންވެސް ކަންކަމުގައި އެމީހުން އަބަދުވެސް އެޅެފައިވަނީ އެކީގަ އެވެ. ސްކޫލު ތައުލީމު ނިންމާލުމަށް ފަހު ދެބެން ވެސް އިޚްތިޔާރުކުރީ ކޮމްޕިއުޓަރު އިންޖިނިއަރިންގެ ރޮނގުން ކުރިޔަށް ދާށެވެ. އެމީހުން އެ ރޮނގުން ކިޔަވާ ޑިގްރީ ހާސިލު ކުރި އެވެ. އަދި ހައިދަރުއާބާދުގެ ކުންފުންޏެއްގައި ވަޒީފާ އަދާކުރަން ފެށި އެވެ.

ކޮވިޑް-19 ޖެހި މި ދެބެން ބަލިވީ ވެސް ހަމަ އެއް ދުވަހަކު އެވެ. އެއީ މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހެވެ. މި ބައްޔާ ގިނަ ދުވަސްތަކެއް ވަންދެން ހަނގުރާމަކުރުމަށް ފަހު ދެބެން ވަނީ މި ދުނިޔެއާ ވަކިވެފަ އެވެ. ހަމަ ދާދި އެކުއެކީގައި ކަހަލަ ގޮތަކަށެވެ. އެކަކު މަރުވިތާ މަދު ގަޑއިރެއްގެ ތެރޭގައި އަނެކަކު މަރުވީ އެވެ.

ރަފައެލް ބުނި ގޮތުގައި ދެބެން ބަލިން ފަސޭހަ ވާނަމަ ވާނީ އެކު އެކީގައި ކަން އޭނާއަށް މާ ކުރިން ވެސް ގަބޫލު ކުރެވެ އެވެ. މަރުވަންޏާ މަރުވާނީ ވެސް އެކު އެކީގައި ކަމަށް އޭނާގެ ހިތް އަބަދުވެސް ބުނާ ކަމަށް ރަފައެލް ބުންޏެވެ.

"ދެބެން ކުރެ އެއް ކުއްޖަކަށް ދިމާވާ ކަމެއް ހަމަ އަނެއް ކުއްޖާއަށް ވެސް ދިމާވަމުން އައީ. އެ ކުދިން އުފަންވީއްސުރެ އަހަރެމެން ދިޔައީ އެކަން ތަޖުރިބާ ކުރަމުން. ޖޯފްރެޑް މަރުވި ޚަބަރު ލިބުމުން އަހަރެން އަންހެނުން ކައިރީ ބުނިން ރަލްފްރެޑް އަނބުރާ ގެއަކަށް ނާންނާނޭ. ކަންތައްވީ ހަމަ އެހެން. މޭ 13 ވަނަ ދުވަހު ޖޯފްރެންޑް މަރުވިއިރު އޭގެ ފަހުން މަދު ގަޑިއިރުކޮޅެއް ތެރޭ މޭ 14 ވަނަ ދުވަހު އަލްފްރެޑް ވެސް މަރުވީ،" ދެބެންގެ ބައްޕަ ރަފައެލް ބުންޏެވެ.

ރަފައެލް ބުނީ އޭނާގެ ދެބެން ކުރިމަގަށް ވަރަށް ގިނަ ރޭވުންތަކެއް ރާވާފައި ވެއެވެ.

"ދެބެން ބޭނުންވި އަހަރެމެންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދޭން. އަހަރެމެން ދެމަފިރިންނަކީ ވެސް ޓީޗަރުން. އަހަރެމެން ދަރިން ބޮޑުކުރީ ވަރަށް މިންނަތް މަސައްކަތުން. އެހެންވެ އަހަރެމެންގެ ގުރުބާނީގެ އަގު އަދާކޮށްދޭން ދެބެން މަސައްކަތްކުރަން ނިންމާފައި އޮތީ. ކޮރެއާ ނުވަތަ ޖަރުމަނީ އަށް ގޮސް ވަޒީފާ އަދާކުރަން އެމީހުން އޮތީ ރާވާފައި،" ރަފައެލް ބުންޏެވެ.

ރަފައެލް ބުނީ އޭނާގެ ދެބެން ހުން އައީ ވަރަށް އެކު އެކީގައި ކަހަލަ ގޮތަކަށް ކަމަށާއި ފުރަތަމަ ފަރުވާ ކުރީ ގޭގައި ކަމަށެވެ. ނަމަވެސް އޮކްސިޖަން ލެވެލް ދަށް ވާން ފެށުމުން ޕްރައިވެޓް ހޮސްޕިޓަލެއްގައި އެޑްމިޓް ކުރީ އެވެ.
ދެބެން ވަރަށް ބޮޑަށް ރަނގަޅުވީކަމަށް ވެސް ރަފައެލް ބުންޏެވެ. އަދި ކޮވިޑް ވޯޑުން ނެރެ އާދައިގެ ވޯޑަށް ބަދަލުކުރަން ވެސް ޑޮކްޓަރުން އުޅުނު ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ބުނިން އަދި ވާނުވާ ބަލާލަން ދެ ދުވަހު ކޮވިޑް ވޯޑުގައި ބާއްވާލަދޭށޭ. ދެން ކުއްލިއަކަށް މޭ 13 ވަނަ ދުވަހު އައި ފޯނު ކޯލުން އަހަރެމެންގެ ދިރިއުޅުން މުޅިން ފުނޑުފުނޑުވި،" ރަފައެލް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ރަލްފްރެޑްގެ އެންމެ ފަހު ކޯލް އޭނާގެ މަންމައަށް ލިބުނުއިރު ޖޯފްރެޑް ދުނިޔެ ދޫކޮށްފި އެވެ. ނަމަވެސް އެ ވާހަކަ އަލްފްރެޑް ކައިރީ އޭނާގެ މަންމަ ނުބުނެ ސިއްރު ކުރީ އެވެ.

"ރަލްފްރެޑް އޭނާގެ މަންމަ ކައިރީ ބުނި މިހާ ވަރަށް ބޮޑުތަން ރަނގަޅޭ. ޖޯފްރެޑްގެ ހާލަކީ ކޮބައިހޭ. އޭރު ޖޯފްރެޑް މަރުވެފައިވާތީ އަހަރެމެން ވާހަކައެއް ހަދާލައިގެން ޖޯފްރެޑް ދިއްލީ ހޮސްޕިޓަލަކަށް ބަދަލު ކުރަން ޖެހުނިއްޔޭ ބުނިން. ނަމަވެސް ރަލްފްރެޑް އަށް އޭރު ވަނީ ޖޯފްރެޑް ދުނިޔޭގައި ނެތް ކަމުގެ އިހްސާސް ކުރެވިފަ. އެހެންވެ އޭނާގެ މަންމަ ކައިރީ ބުނި ތި ހަދަނީ ދޮގޭ،" ރަފައެލް ކިޔައިދިނެވެ.

ރަލްފްރެޑް އޭނާގެ މަންމައަށް ގުޅިތާ ކުޑަ އިރުކޮޅެއްފަހުން ކުއްލިއަކަށް ހާލު ބޮޑުވެ މަރުވީ އެވެ.