އިންޑިޔާގެ ތެލަންގަނާގެ ނަލްގޮންޑާގައި ދިރިއުޅޭ 18 އަހަރުގެ ދަރިވަރަކު ގަހެއްގައި އިންނަތާ 11 ދުވަސް ވެއްޖެ އެވެ. އޭނާ ގަހުން ނުފައިބައި މިހާ ގިނަ ދުވަސްތަކެއް ވަންދެން އިނީ ކޮވިޑް-19 ޖެހިފައިވާތީ އެހެން މީހުންނާ އެކަހެރިކޮށް ހުރެވޭނެ އެހެން ގޮތެއް ނެތިގެނެވެ.
ޝިވާ ނަމަކަށް ކިޔާ މި ދަރިވަރު ޕޮޒިޓިވްވީކަން އެނގުނީ މިހިނގާ މޭ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެކަން އެނގުމާއެކު އޭނާ ގަހުގެ ކުރިޔަށް އަރައި އެތަނުގައި ދިރިއުޅެން ފެށީ އެވެ. އާއިލާގައި ދެން ތިބި މީހުންނަށް ބަލި ޖެހުނު ނުދިނުމަށެވެ.
ޝިވާ އިނީ އޭނާގެ ގޭގެ އިމުގެ ތެރޭގައި ހުރި ގަހެއްގަ އެވެ. މި ގަހުގައި އޭނާ ވަނީ އޮނު ބޭނުން ކޮށްގެން އެނދެއް ވެސް ތައްޔާރު ކޮށްފަ އެވެ.
ޝިވާގެ އާއިލާގައި އޭނާ ފިޔަވައި އިތުރު ހަތަރު މީހަކު އެބަތިއްބެވެ. އެހެންވެ އެއިން އެއްވެސް މީހަކަށް ބަލި ޖެހުނަ ނުދިނުމަށް އޭނާ އަމިއްލައަށް ގަހުގައި ދިރިއުޅެން ނިންމީ ކަމަށް ޝިވާ ބުންޏެވެ.
"މި ރަށުގައި އައިސޮލޭޝަން ސެންޓަރެއް ނެތް. މީގެ ދެ ދުވަހެއް ކުރިން ހޮސްޓެލް އެއް އެފަދަ ސެންޓަރަކަށް ބަދަލު ކޮށްފި. ނަމަވެސް އަހަރެން މިހާރު ގަހުގައި އުޅޭތާ މިހާ ދުވަސް ވެފައިވާތީ އެތަނަށް ދެން ދާކަށް ބޭނުމެއް ނޫން. މި ތަން ހުޅުވުމާ ހަމަޔަށް އަވަށުގައި އެފަދަ ތަނެއް ހުރި ކަމެއް އަހަންނަކަށް އެނގިފައެއް ނެތް. ދެން އަހަރެން ކީއްކުރާނީ މިފަދަ ގޮތަކަށް ގަހުގައި ދިރި ނޫޅެ،" ޝިވާ ބުންޏެވެ.
ޝިވާ ބުނި ގޮތުގައި އަވަށުގެ އިސް ވެރިޔާ ކައިރީގައި ކޮވިޑް-19 އިގެ ވޮލަންޓިއަރުން އޭނާ ޕޮޒިޓިވް ވާހަކަ ބުނި ކަމެއް ވެސް ނުބުނާ ކަމެއް ވެސް އޭނާއަކަށް ނޭނގެ އެވެ. ޝިވާއަށް ޔަގީންވާ ކަމަކީ އަވަށުގެ އެއްވެސް މީހަކު އޭނާއަށް އެހީތެރިވުމަށް އޭނާ ކައިރިއަށް ނާންނަ ކަމެވެ.
"އެމީހުން އެންމެން ތިބީ ވައިރަސް ދެކެ ބިރުން. އަވަށުގެ އެއްވެސް މީހަކު ގެއިން ބޭރަށް ވެސް ބޯދިއްކޮށް ނުލާ،" ޝިވާ ބުންޏެވެ.
ގަހުގައި އައިސޮލޭޝަންގައި އިންނައިރު ޝިވާގެ އެކުވެރިޔަކީ އޭނާގެ އަތުގައި އޮތް މޯބައިލް ފޯނެވެ. ޝިވާއަށް ކާނާ އާއި ބޭނުންވާ އެހެނިހެން ތަކެތި ފޯރުކޮށްދޭން އާއިލާގެ މީހުންނަށް ފަސޭހަ ކޮށްދިނުމަށް އޭނާ ވަނީ ބާލިދީއެއްގައި ވާގަނޑެއް ޖަހާފަ އެވެ. އޭނާއަށް ބޭނުންވާ އެއްޗެތި އާއިލާގެ މީހަކު އެ ބާލިދީއަށް ލައި ދިނުން ވާގަނޑުގައި ހިފާ ދަމާ ނަގަނީ އެވެ.
ޝިވާއަކީ ހައިދަރުއާބާދުގައި ޑީގްރީއަށް ކިޔަވަމުންދާ ދަރިވަރެކެވެ. ކޮވިޑް-19 އިގެ ބަލިމަޑުކަން މާ ބޮޑަށް ފެތުރެން ފެށުމުން އޭނާއަށް އެނބުރި ރަށަށް އަންނަން ޖެހުނީ އެވެ.
ޝިވާ ނޫނަސް އަވަށްތަކުގައި ދިރިއުޅޭ ވަރަށް ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވުމުން ދިރިއުޅެންޖެހެނީ މިފަދަ ގޮތް ގޮތަށެވެ. ސަބަބަކީ ގިނަ އަވަށްތަކުގައި އައިސޮލޭޝަން ސެންޓަރުތައް ނެތީމަ އެވެ. ބައެއް މީހުން ޕޮޒިޓިވް ވުމުން ދަނޑުތަކު ތެރެއަށް ވަދެ އެ ތަންތަނުގައި އުޅޭއިރު އަނެއްބަޔަކު ފާޚާނާގައި ވެސް ބަންދުވެގެން ތިބެ އެވެ. އަނެއްބަޔަކު ގޯނިން ކުޑަކުޑަ ގެއެއް އަޅައިގެން އެ ގެޔަށް ވަދެ ތިބެ އެވެ.
ޝިވާ ދިރިއުޅޭ ހިސާބު ކަމަށްވާ ތެލަންގަނާގައި ވެސް މިހާރު ކޮވިޑް ޖެހިފައިވާ ފަސް ލައްކަ އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.