ނ. މާފަރު މީހެއްގެ ކޭޝް ކާޑު ވަގަށް ނަގައި ނ. ކެނދިކުޅުދޫ އޭޓީއެމް އިން އެ ކާޑު ބޭނުންކޮށްގެން 20،000 ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ މިމައްސަލަ ނ. މާފަރު ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވަނީ މިހިނގާ މެއި މަހުގެ 10 ވަނަ ދުވަހު ކަމަށެވެ.
މައްސަލައާ ގުޅިގެން މި މަހުގެ 10 ވަނަ ދުވަހު 26 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 1،000 ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
އެކަމަކު އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެ މީހުން ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުން ބުނީ އެ ފައިސާތައް ހޯދުމަށް މާފަރު ޕޮލިސް ސްޓޭޝަނާއި، މަނަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި 17،000 ރުފިޔާ މާފަރު ވަލުތެރޭގައި ވަޅުލާފައި ހުއްޓާ ހޯދާފައިވާ ކަމަށެވެ. އެހެންކަމުން ވަގަށް ނެގި 20،000 ރުފިޔާގެ ތެރެއިން މިހާތަނަށް ހޯދިފައިވާ 18،000 ރުފިޔާ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
މިމައްސަލަ މާފަރު ޕޮލިސް ސްޓޭޝަނުން އަދިވެސް ގެންދަނީ ތަހުގީގުކުރަމުންނެވެ.