ނ. މާފަރު މޮނިޓަރިންގެ ހާލަތަށް ގެެންގޮސް އެއްވެސް މީހަކު ރަށުން ފޭބުން އެ ރަށު ކައުންސިލުން މަނާ ކޮށްފައި ވަނިކޮށް ކައުންސިލްގެ އެންގުމާ ހިލާފަށް މަސް ދަތުރު ދިޔަ ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މަސް ދަތުރު ގޮސް ރަށުގެ އާންމު މަސްލަހަތު ގެއްލޭ ގޮތަށް އެ ދެ މީހުން އަމަލު ކޮށްފައި ވާތީ، ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ރޭ 10:40 ގައި ކަމަށެވެ. ހައްޔަރު ކޮށްފައި ވަނީ 59 އަހަރުގެ ދިވެހި ފިރިހެނަކާއި 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މާލެއިން އުތުރުގެ ބައެއް ރަށްރަށަށް ދަތުރުކުރި ށ. ނަރުދޫ އަމާޒު ބޯޓުގެ ކެޕްޓަނާއި އޭނާގެ އާއިލާގެ މީހުން ހިމެނޭ ގޮތަށް އެ ރަށުން އަށް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ. އެއާ ގުޅިގެން އެ ރަށްތައް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ނ. މާފަރު ވެސް ހިމެނެ އެވެ.
ރާއްޖޭން މިހާތަނަށް 280 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، 17 މީހަކު ވަނީ ބަލިން ރަނގަޅު ވެފަ އެވެ. އަދި ރޭ ވަނީ އެ ބައްޔަށް ޕޮޒިޓިވްވި މީހަކު މަރުވެފަ އެވެ