އިމްޕޯޓް އެކްސްޕޯޓް

އިމްޕޯޓް އެކްސްޕޯޓުގެ އާމްދަނީއަށް 101 ޕަސެންޓުގެ އިތުރުވުމެއް

May 18, 2021

އިމްޕޯޓް / އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ އަށް މިދިޔަ މަހު ބޮޑު އިތުރުވުމެއް އަތުވެއްޖެ އެވެ.

މޯލްޑިވްސް ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފާއިތުވި އޭޕްރިލް މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު 101 ޕަސެންޓް އިތުރެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު 129 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޭޕްރީލް މަހު މި އަދަދު ވަނީ 261 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އަދި މީގެ އިތުރަށް މިއަހަރުގެ އޭޕްރީލް މަހު ރޯޔަލްޓީގެ ގޮތުގައި ހަތަރު މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އެޕްރީލް މަހު ރާއްޖެ އަށް 1.8 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. ނަމަވެސް މިއަހަރުގެ އޭޕްރީލް މަހު ރާއްޖޭގެ އިމްޕޯޓް އުޅެނީ ތިން ބިލިއަން ރުފިޔާގަ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 67 ޕަސެންޓުގެ އިތުރު ވުމެކެވެ.

ރާއްޖޭގެ އިމްޕޯޓް އިތުރުވި ނަމަވެސް ރާއްޖޭގެ އެކްސްޕޯޓް ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހު 237 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވެ އެވެ. ނަމަވެސް މި އަހަރުގެ އޭޕްރީލް މަހު ބޭރުކޮށްފައިވަނީ 174 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 27 ޕަސެންޓުގެ ދަށްވުމެކެވެ.