ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގެ އިތުރު މަރެއް، ނަންބަރު 104 އަށް

ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ދެންމެ ބުނީ މިއަދު 12:10 ގައި މަރުވެފައިވަނީ އުމުރުން 73 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެ މީހާއަށް ފަރުވާ ދެމުން އައީ ދަރުމަވަންތަ ހޮސްޕިޓަލްގައެވެ.

މިއީ ރާއްޖޭގެ 104 ވަނަ ކޮވިޑް މަރެވެ. ރޭވެސް ވަނީ މި ބަލީގައި އިތުރު މީހަކު މަރުވެފައެވެ.

އެ މީހަކީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އެ މީހާ މަރުވެފައި ވަނީ ރޭ 11:14 ހާއިރު އެވެ. އެއީ 79 އަހަރުގެ އަންހެނެއް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

ރާއްޖޭގައި ކޮވިޑް ބަލި ވަރަށް ބޮޑަށް ފެތުރި ރާއްޖެ އޮތީ ކޮވިޑްގެ ހަތަރުވަނަ ރާޅެއްގެ ނުރައްކަލުގަ އެވެ. މިދިޔަ 24 ގަޑިއިރު ރާއްޖެއިން އިތުރު 1433 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. އިއްޔެ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 44،956 އަށް އަރާފަ އެވެ.