އޭޑިކޭ ހޮސްޕިޓަލް

60،000 ޕީސީއާރް ޓެސްޓް ކިޓް އެތެރެކުރަން ހުއްދަ ދީފި

May 18, 2021

އިންޑިއާ އިން ރާއްޖެއަށް 60،000 ޕީސީއާރް ޓެސްޓް ކިޓް އެތެރެކުރަން ހުއްދަ ދީފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ އެކަމުގެ ހުއްދަ ދީފައިވާނީ ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ އޭޑީކޭ އިން އެދުމާ ގުޅިގެން އެ ހޮސްޕިޓަލަށް ކަމަށެވެ.

އޭޑީކޭ ގުރޫޕްގެ ޗެއާމަން އަހްމަދު ނާޝިދު ވަނީ ޕީސީއާރް ޓެސްޓް ކިޓް ރާއްޖެއަށް ގެންނަން އިންޑިއާ އިން ހުއްދަ ދިނުމާ ގުޅިގެން އިންޑިއާ ސަރުކާރަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.

އިންޑިއާގައި ހަލުވި ކަމާ އެކު ކޮވިޑް 19 ފެތުރި ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބަޔަކު މަރުވަމުންދާތީ ޕީސީއާރް ޓެސްޓް ކިޓާއި، ކޮވިޝީލްޑް ވެކްސިން އެހެން ގައުމުތަކަށް ވިއްކުމާއި ހަދިޔާކުރުން އިންޑިއާ އިން ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފަ އެވެ. އަދި ވަކި ހާއްސަ ހުއްދަތަކެއްގެ ދަށުން ނޫނީ އެފަދަ ތަކެތި ދޫނުކުރަން ވެސް އެ ގައުމުން ވަނީ ނިންމާފަ އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޕްރޮގްރާމް ފެށީވެސް އިންޑިއާ އިން އެންމެ ފުރަތަމަ ހަދިޔާކުރި ކޮވިޝީލްޑް ވެކްސިންގެ އެއްލައްކަ ޑޯޒާ އެކު އެވެ. އަދި ރާއްޖޭގެ ގިނަ ބަޔަކު ވެކްސިންގެ ފުރަތަމަ ޑޯޒްގެ ގޮތުގައި ޖަހާފައިވަނީ ވެސް ކޮވިޝީލް ވެކްސިނެވެ. ނަމަވެސް އިންޑިއާ އިން ވެކްސިން ލިބުން ދަތިވެ އެތައްހާސް ދިވެހިން މިހާރު ތިބީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނެ ގޮތެއް ނެތިފަ އެވެ.

އިންޑިއާގައި ކޮންމެ ދުވަހަކު ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރު އުޅެނީ ތިންލައްކައާއި ހަތަރު ލައްކައާއި ދެމެދުގަ އެވެ. އެހެންވެ ހޮސްޕިޓަލްތައް ފުރި، ބަލި މީހުންނަށް ބޭނުންވާ އޮކްސިޖަން ވެސް ފޯރުކޮށްދިނުމަށް ދަތިވެ އެތައް ބަޔަކު ދަނީ މަރުވަމުންނެވެ.

ރާއްޖޭގައި ވެސް ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، މިހާރު ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 1500އާ ގާތްކުރާ ހިސާބުގަ އެވެ. އަދި ކޮވިޑް ބަލީގައި ރާއްޖޭގައި މަރުވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.