ތިން ރަށެއްގެ ސިއްހީ މަރުކަޒުގެ މަރާމާތަށް ތިން މިލިއަން ރުފިޔާގެ އެއްބަސްވުންތަކެއްގައި ހެލްތު މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ސޮއި ކުރީ ރ. ދުވާފަރާއި، ލ. މާބައިދޫ އާއި ތ. ހރިލަންދޫގެ ސިއްހީ މަރުކަޒުގެ މަރާމާތުގެ އެއްބަސްވުންތަކުގަ އެވެ.
މިއަދު ސޮއުކުރި އެއްބަސްވުންތަކުގެ ތެރެއިން ދުވާފަރުގެ ސިއްހީމަރުކަޒު ބޮޑުކޮށް، މިހާރު ހުރި އިމާރާތަށް ބޭނުންވާ އެކި މަރާމާތުތަކަށް މިނިސްޓްރީން ވަނީ ދެ މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފަ އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެލަވަރު މޯލަޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. މިއަދު ސޮއި ކުރި މި އެއްބަސްވުމުގެ ދަށުން ދުވާފަރު ސިއްހީ މަރުކަޒުގެ ހުރިހާ މަސައްކަތެއް ތިން މަހުގެ ތެރޭގައި ނިންމަން ވާނެ އެވެ.
މާބައިދޫ މަރާމާތުގެ މަސައްކަތް ހަލައްކަ ރުފިޔާއަށް ހަވާލުކުރީ ލައުޒާން އިންޖިނިއަރިން ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. އަދި ހިރިލަންދޫ ގެ ސިއްހީ މަރުކަޒުގެ މަރާމާތު މަސައްކަތް ކުރަން އައިނާ ވުޑް އެންޑް ކޮންސްޓްރަކްޝަނާއި ވަނީ ހަލައްކަ ރުފިޔާއަށް ހަވާލުކޮށްފަ އެވެ.
މި ދެ މަސައްކަތަށް ވެސް މިނިސްޓްރީން ދީފައިވަނީ ދެ މަހުގެ މުއްދަތެކެވެ.
ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ރާއްޖޭގައި މިހާރު އޮތް ހާލަތެއްގެ ސަބަބުން އެއްވެސް ދާއިރާއެއްގެ މަސައްކަތަކަށް ހުއްޓުމެއް ނާއްނާނެ ކަމަށެވެ. ސިއްހީ ދާއިރާގެ ތަރައްގީއަށް ކުރަން ރާވާފައިވާ ހުރިހާ ކަމެއްގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ދާކަމަށާއި، ދާއިރާގެ ތަރައްގީއަށް ފަށަން ޕްލޭން ކުރާ ބޮޑެތި މަޝްރޫއުތަކެއްގެ ތައްޔާރީ މަސައްކަތްތައްވެސް އެ މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.