ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދަރަވަންދޫ

ބިދޭސީއަކު އުސޫލު މުގުރާލުމުން ދަރަވަންދޫ މޮނިޓަރިންއަށް

May 18, 2021

ބ. ދަރަވަންދޫގައި ކަރަންޓީނުގެ އުސޫލާ ހިލާފަށް ގެއިން ބޭރަށް ނިކުމު އުޅުނު ބިދޭސީއަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެ ރަށް މޮނިޓަރިން އަށް ގެންގޮސްފި އެވެ.

ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ބަންގްލަދޭޝް މީހާ ވަނީ ހޯމް ކަރަންޓީންގައި ހުންނަތާ 10 ދުވަސް ވުމުން ނެގުނު ސާމްޕަލްގެ ނަތީޖާ ނުލިބެނީސް ގެއިން ބޭރަށް ނިކުމެފަ އެވެ.

ދަރަވަންދޫން އަވަސް އަށް މައުލޫމާތު ދިން ބައެއް މީހުން ބުނީ ބިދޭސީ މީހާ ހޯމް ކަރަންޓީނުގެ އުސޫލާ ހިލާފަށް ބޭރަށް ނިކުމެ އުޅޭކަން އެނގިގެން ރަށުގެ ކަމާ ގުޅޭ މުއައްސަސާތަކާއި އެޗްޕީއޭ އަށް ވެސް ބައެއް މީހުން ރިޕޯޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ޕޮޒިޓިވްވީ އެއްވެސް އިދާރާ އަކުން އެކަމަށް އެއްވެސް ފިޔަވަޅެއް ނާޅައި އުޅެނިކޮށް ކަމަށްވެސް އެ މީހުން ބުނެފައިވެ އެވެ.

ބަންގްލަދޭޝްގެ މީހާގެ ކޮވިޑް ސާމްޕަލްގެ ނަތީޖާ ލިބިފައިވަނީ ޓެސްޓް ހެދިތާ ދެ ދުވަސް ފަހުން ރޭގެ ވަގުތެއްގަ އެވެ. އޭރު އޭނާ ވަނީ ޖަމާއަތުގައި ބައެއް ނަމާދުކޮށް، ރަށުގެ އެކި ސަރަހައްދަށް ގޮސް އެކި މީހުންނާ ބައްދަލުވެސް ކޮށްފަ އެވެ.

ދަރަވަންދޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އޭނާއާ ކޮންޓެކްވީ މީހުން ގޭގައި ތިބުމަށް އަންގާފައިވާނެ ކަމަށެވެ. އަދި އެމީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮވިޑް 19 އަށް ފަރުވާ ހޯދަމުން ދަނިކޮށް އެ ބަލީގައި ރާއްޖޭގައި މިހާތާނަށް 104 މީހަކު ވަނީ މަރުވެފަ އެވެ. އަދި އިއްޔެ އެކަނިވެސް 1433 މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފަ އެވެ.