ފަލަސްތީން

ހުރިހާ ދިވެހިން ފަލަސްތީނާއެކު ތިބިކަން ދައްކައިދީފި

ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިޒްރޭލުގެ ޒަޔަނިސްޓް ހަރުކަށި ޔަހޫދީން ދެމުން ގެންދާ ހަމަލާތަކާއި ދެކޮޅަށް މުޅި ރާއްޖެ ތެދުވެއްޖެ އެވެ. "ފްރީ ޕަލަސްޓައިން" ކެންޕެއިން މިއަދު ރާއްޖޭގައި ވަނީ ރަސްމީކޮށް ފަށާފަ އެވެ.

ޒުވާނުންތަކެއް އިސްނަގައިގެން މިއަދު ހަވީރު މަޖީދީމަގުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާއިރު މާލޭގެ ވަރަށް ގިނަ ސަރަހައްދުތަކުގައި އެ ހަރަކާތާ ބައިވެރިވުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ފަލަސްތީނުގެ ދިދަތައް ހިފައިގެން ކުދި ބޮޑު އެތައް ބަޔަކު ވަނީ މަގުތަކަށް ނިކުމެ ފަލަސްތީނުގެ މިނިވަން ކަަމަށްޓަކައި އަޑުއުފުލާފަ އެވެ. އަދި ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުން މެރުމަށް ހަރުކަށި ހައްދުފަހަނައަޅާފައިވާ ޔަހުދީން ހިންގަމުންދާ އަނިޔާވެރި އަމަލުތައް ވަނީ ކުށްވެރިކޮށްފަ އެވެ.

މިއަދު ފެށުނު ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ސިޔާސީ ޕާޓީތަކުންވެސް ވަނީ ބައިވެރިވެފަ އެވެ.

ހަރަކާތް ފެށެން ކުޑަ ވަގުތުކޮޅެއް އޮއްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ފަލަސްތީންގެ މައްސަލާގައި ވަރުގަދަ މެސެޖެއް ދުނިޔެއަށް ދެއްވާފަ އެވެ. އިނގިރޭސި ބަހުން ރައީސް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ދިވެހިން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށެވެ. ރައީސްގެ ޓްވީޓްގައި ވަނީ ފަލަސްތީނުގެ ދިދަވެސް ހިމަނުއްވާފަ އެވެ.

ކުރީގެ ރައީސް މައުމޫންވެސް ވަނީ އެ މޭރުމުން ޓްވީޓެއް ކުރައްވާފަ އެވެ. އަދި ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ގެންދަވަނީ ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އަޑުއުފުއްލަވަމުންނެވެ. ތަފާތު ޝުއޫރުތަކާއެކު އެ ބޭފުޅުން ކުރައްވަމުން ގެންދަވާ ޓްވީޓްތަކުގައި އިޒްރޭލުގެ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް ދުނިޔެއަށް ގޮވާލައްވާފައިވެ އެވެ. އަދި ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށް ވިދާޅުވެފައިވެ އެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރަސްމީ އޮފީހުގައިވެސް ވަނީ ފަލަސްތީނުގެ ދިދަ ނަގާ މިއަދުގެ ހަރަކާތަށް ހިތްވަރުދީ އެ ހަރަކާތުގައި ބައިވެރިވެފަ އެވެ. އަދި މާލޭގެ ކައުންސިލަރުންގެ ތެރެެއިން އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ކައުންސިލަރުން ވަނީ އެ ހަރަކާތުގައި ރަސްމީކޮށް ބައިވެރިވެވަޑައިގެންފަ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ހ. ދޫވެހީގައިވެސް ވަނީ ފަލަސްތީނުގެ ދިދަ ނަންގަވާފަ އެވެ.

މިއަދުގެ ހަރަކާތުގަައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ބައިވެރިވެފައިވެ އެވެ. ފަލަސްތީނުގެ ދިދަ ހިފައިގެން ނިކުމެ އެ ކުދިންވެސް ވަނީ ފަލަސްތީނުގެ މިނިވަން ކަމަށް ގޮވާލާ އަޑުއުފުލާފަ އެވެ. އަދި އިޒްރޭލުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލާފައިވެ އެވެ. ބައެއް މީހުން ވަނީ އިޒްރޭލުގެ ފަތުރުވެރިންނަށް ރާއްޖެ ބަންދު ކުރުމަށްވެސް ގޮވާލާފަ އެވެ.

ފަލަސްތީނާއެކު ތިބިކަން ހާމަކުރުމުގެ ގޮތުން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް އެއްވުންތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި ދިވެހިންގެ ވަރަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެ މީހުން ތިބީ ފަލަސްތީނާއެކު ކަން ހާމަކޮށް ޕްރޮފައިލް ފޮޓޯ އާއި ކަވާ ފޮޓޯ ފަލަސްތީނުގެ ދިދައަށް ހާއްސަކޮށްފަ އެވެ. އަދި ފޭސްބުކާއި ޓްވިޓާގައި ވަރަށް ގިނަ ބަޔަކު ދަނީ ޕޯސްޓްތައް ކުރަމުންނެވެ.

ރާއްޖެއިން އަބަދުވެސް ގެންދަނީ ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި ދުނިޔޭގައި އަޑުއުފުލަމުންނެވެ. މި ސަރުކާރުންވެސް އެ އަޑު ބައިނަލްއަގްވާމީ ދުނިޔޭގައި އުފުލާފައިވެ އެވެ. އދގެ އާންމު މަޖިލީހުގައި 2019 ވަނަ އަހަރު ތަގުރީރު ކުރައްވަމުން ރައީސް ސޯލިހް ވެސް ވަނީ ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި އަޑުއުފުއްލަވާފަ އެވެ. އަދި އިޒްރޭލުގެ އަނިޔާވެރި އަމަލުތައް ވަރަށް ބޮޑަށް ކުށްވެރި ކުރެއްވި އެވެ.