މާލޭ ސިޓީ ކައުންސިލް

ގުޅިފަޅުގައި ޕޯޓް އެޅުން ހުއްޓާލުމަށް ރައީސަށް ހުށައަޅަނީ

މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅުގައި ގާއިމުކުރުމަށް މި ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕޯޓް މަޝްރޫއު ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލްގެ ފުރަތަމަ ބައްދަލްވުމުގައި މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅުގައި ގާއިމުކުރުމަށް މިސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕޯޓް މަޝްރޫއު ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅުމަށް ނިންމާފައިވާ ކަމަށެވެ. އެ ނިންމުން ނިންމީ ތިން ޕާޓީގެ ކައުސިލަރުން ހިމެނޭ ކައުންސިލްގެ އިއްތިފާގުން ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މާލޭސިޓީގެ ރައްޔިތުން އެދޭ ގޮތަށް ގުޅިފަޅަކީ ގެދޮރުވެރިކަމުގެ މަންޒިލަކަށް ހަދަން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވަން ކުރަންޖެހޭ މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި ރައީސްގެ އެޕޮއިންޓްމެންޓެއް ލިބުނުހާ އަވަހަކަށް އެ ނިންމުން ހުށައަޅުއްވާނެ ކަމަށެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ދެއްކެވި ވާހަކަފުޅުގައި މުއިއްޒު ވަނީ މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅުގައި ގާއިމުކުރުމަށް މިސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕޯޓް މަޝްރޫއު ހުއްޓާލުމަށް ގޮވާލައްވާފައެވެ. މުއިއްޒު ވިދާޅުވީ މާލޭގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތުން އެންމެ ބޮޑު އަމާޒަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯދައިދިނުން ކަމަށެވެ. އެހެންކަމުން އެކަން ހަގީގަތަކަށް ހަދައިދިނުމަށް މިއަދު ހުވާ ކުރެއްވި ކައުންސިލަރުން މަސައްކަތް ކުރައްވާ މަންޒަރު ދައްކުވައިދޭނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ ރައްޔިތުން ވޯޓުލީ ގޮތަށް ބަލާއިރު ގުޅިފަޅުގައި ޕޯޓް އެޅުމަށް ރައްޔިތުން ބޭނުން ނުވާކަން ނަތީޖާއިން ބުނެދޭ ކަމުގައި މުއިއްޒު ވިދާޅުވި އެވެ. އެހެންވީމާ ގުޅިފަޅުގައި ކުރަންޖެހޭ ކަމަކީ އެ ފަޅު އެއްކޮށް ހިއްކާ އެތަނަކީ މާލޭގެ ރައްޔިތުންގެ ގެދޮރުގެ މައްސަލަ ހައްލުކޮށްދޭ މަންޒިލަކަށް ހެދުމެވެ.

ބޯހިޔާވަހިކަން ހޯދައިދިނުމަކީ އިންސާނީ ހައްގަކަށްވެފައި، ތިލަފުށީގައި ޕޯޓް އެޅެން އޮތުމުން ގުޅިފަޅު ބޯހިޔާވަހިކަން ނޫން އެހެން ކަމަކަށް ހާއްސަ ކުރެވިގެން ނުވާނެ ކަމުގައި މުއިއްޒު ވިދާޅުވި އެވެ.

"ޓެކްނިކަލް އެއްވެސް ޖަސްޓިފިކޭޝަނެއް ނުދެއްކޭ ތަނެއްގައި ގުޅިފަޅުގައި ޕޯޓް އެޅުމަކީ މާލެ ސިޓީ ރައްޔިތުންގެ ގެދޮރުގެ އުއްމީދަށް އެޅޭ ފަހެއް. އެހެންވީމާ މާލެ ސިޓީ ރައްޔިތުންގެ ފަރާތުން އަޅުގަނޑު ތަކުރާރުކޮށް ވަރަށް އިޚްލާސްތެރިކަމާ އެކު ރައީސުލްޖުމްހޫރިއްޔާ އަށާއި ސަރުކާރަށް ގޮވާލަން ގުޅިފަޅުގައި ޕޯޓް ހެދުން ހުއްޓާލައްވާ އެ ޕޯޓް ތިލަފުށްޓަށް ބަދަލު ކުރުމަށް،" މުއިއްޒުގެ އިލްތިމާސް ތަކުރާރު ކުރެއްވި އެވެ.