ޓެކްސީގެ ހިދުމަތް

ޓެކްސީ ޕާކިން ފީން 2،250 ރުފިޔާ އުނިކޮށްފި

ޓެކްސީ ޕާކުކުރާ ސްލޮޓްތަކުގެ އަގު ހެޔޮ ކުރުމަށް މާލެ ސިޓީ ކައުންްސިލުން ނިންމައިފި އެވެ.

އިއްޔެ ހުވާކުރި އާ ކަައުންސިލަރުންގެ ފުރަތަމަ ބައްދަލްވުމުގައި ނިންމާފައިވާ ކަންކަމުގެ މައުލޫމާތު ހާމަކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. މުއިއްޒު ވިދާޅުވީ ޓެކްސީ ޕާކުކުރާ ސްލޮޓްތަކުގެ އަގު ހެޔޮ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން މިހާރު ނަގަމުންދާ 3،000 ރުފިޔާއިން 2،250 ރުފިޔާ އުނިކުރަން ވަނީ ނިންމާފައެވެ.

މުއިއްޒު ވިދާޅުވީ ޓެކްސީ ޕާކުކުރާ ސްލޮޓްތަކުން 750 ރުފިޔާ ނެގުމަށް ނިންމީ ކައުންސިލްގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ކަމަށެވެ.

އެ ނިންމުން ނިންމި ސަބަބުތަކާ ގުޅޭގޮތުން މުއިއްޒު ވިދާޅުވީ މަގުތައް ބަންދުކުރުމާއި އެ ނޫން ސަބަބުތަކާއި ގުޅިގެންވެސް ޓެކްސީ ދުއްވާ މީހުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ. އެހެން ކަމުން ޕާކިން ސްލޮޓްތަކުގެ އަގު ހެޔޮ މުހިންމު ކަަމަށް ހުރިހާ ކައުންސިލަރުން އިއްތިފާގުވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މާލޭގެ ޕާކިން މައްސަލަ ހައްލުކޮށް ޓެކްސީ ޕާކުކުރާ އިތުރު ވަސީލްތައް ގާއިމު ކުރުމަށް މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ޕާކިންގ މައްސަލައަށް ދާއިމީ ހައްލެއް ލިބެންދެން ހުޅުމާލެ އަދި މާލޭގައި ކަނޑައެޅޭ ބިންތަކެއްގައި ޕާކު ކުރުމުގެ ހުއްދަ ދިނުމަށްވެސް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.