ބޮލީވުޑް

ޝްރީދޭވީއާ އަނޫޕަމާ އެއްގޮތް ކަމަށް ކިޔާތީ ރުޕާލި އުފަލުން

"އަނޫޕަމާ" އަށް ލިބެމުންދާ މަގްބޫލުކަން ދުވަހެއް ދުވަހަކަށް އިތުރުވާތީ އެ ސިލްސިލާގައި އަނޫޕަމާގެ ރޯލު ކުޅޭ ރޫޕާލީ ގަންގޫލީ ވަރަށް އުފާވެ އެވެ. ރޫޕާލީއަކީ އަބަދުވެސް ވަރަށް އޮއްޓަރު ރަނގަޅު ރޯލުތައް ކުޅެން މަޝްހޫރު ބަތަލާއެކެވެ. އެގޮތުން "ސާރާބާއީ ވާސަސް ސާރާބާއީ" ގައި އޭނާ އަދާކުރި މޮނީޝާ ސާރާބާއީގެ ކެރެކްޓާ މިއަދާ ހަމައަށް ވެސް އެ ޝޯ ބެލި ގިނަ ބަޔަކު ހަނދާން ކުރެ އެވެ.

އަދި މިހާރު "އަނޫޕަމާ" ގެ މަޝްހޫރުކަން ބޮޑުވެފައިވާތީ ގިނަ ބަޔަކު ރޫޕާލީ ދަންނަނީ އަނޫޕަމާގެ ނަމުންނެވެ.

ޔާހޫ ސްޓައިލް އަށް ދީފައިވާ އިންޓަވިއުއެއްގައި ރޫޕާލީ ބުނީ އޭނާގެ އައިޑޮލްއަކީ މިހާރު މި ދުނިޔެއާ ވަކިވެފައިވާ ބަތަލާ ޝްރީދޭވީ ކަމަށެވެ. އަދި "އަނޫޕަމާ" ގައި އޭނާ ޝްރީދޭވީ އާ ވަރަށް ވައްތަރު ކަމަށް ގިނަ ބަޔަކު ބުނާ ކަމަށް ވެސް ރޫޕާލީ ބުންޏެވެ.

"އަހަރެން ވަރަށް އުފާވޭ އަހަރެންނާ ޝްރީދޭވީ އާ ވައްތަރު ކަމަށް ބުނާތީ. ސަބަބަކީ ޝްރީދޭވީ އަކީ އަހަރެންގެ އައިޑޮލް އަށް ވެފައި ކުޑައިރުއްސުރެ ޝްރީދޭވީގެ ފިލްމުތައް ޚާއްސަކޮށް ބަލަމުން ގޮސްފައިވާތީ،" ރުޕާލީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޝްރީދޭވީގެ ފިލްމުތައް އޭނާއަށް ބެލުނު ވަރެއްގެ އަދަދެއްގެ ވެސް ނޭނގެ އެވެ.

"އޭނަގެ ހުރިހާ ފިލްމެއް ވެސް އަހަރެން 25 ނުވަތަ 30 ވަރަކަށް ފަހަރު ބަލާފައި ވާނެ. އޭނާގެ 'މިސްޓަ އިންޑިއާ'، 'ޗާލްބާޒް'، 'ޗާންދުނީ' އަދި 'ލަމްހޭ' ފަދަ ކޮންމެ ފިލްމެއް ބަލަން އަށެއް ނޫނީ ދިހަވަރަކަށް ފަހަރު ސިނަމާތަކަށް ދިޔައިން. އެހާވެސް އަހަންނަށް ޝްރީދޭވީ ކަމުދޭ. އަހަރެން ހުންނަނީ އޭނާއާ ހެދި ދީވާނާ ވާވަރު ވެފައި،" ރޫޕާލީ ބުންޏެވެ.

ނަމަވެސް "އަނޫޕަމާ" ގައި އޭނާ އެކްޓްކުރަނީ ޝްރީދޭވީ އެކްޓް ކުރާގޮތް ބަލައިގެނެއް ނޫންކަމަށް ރޫޕާލީ ބުންޏެވެ.
"އަނޫޕަމާ" ގައި އޭނާގެ ކެރެކްޓާ އާއި ޝްރިދޭވީ އާ ވަރަށް އެއްގޮތްކަމަށް މީހުންނަށް ގަބޫލު ކުރެވުނަސް މި ޝޯގައި އޭނާގެ ރެފަރެންސް ޕޮއިންޓަކީ ބައްޕަ އަނިލް ގަންގޫލީގެ "ކޮރާ ކާގަޒް" ކަމަށް ވެސް ރުޕާލީ ބުންޏެވެ.

ހިންދީ ސިލްސިލާތަކުގެ އިތުރުން ބައެއް ބޮލީވުޑް ފިލްމުތަކުގައި ވެސް ރުޕާލީ ވަނީ މަސައްކަތް ކޮށްފަ އެވެ.

އެގޮތުން "ދޯ އާންކޭން ބާރާ ހާތު" ކިޔާ ފިލްމެއްގައި ގޯވިންދާ އާއެކު ރުޕާލީ ވަނީ ބަތަލާގެ ބައި އަދާ ކޮށްފަ އެވެ.
އިތުރަށް ބޮލީވުޑް ފިލްމުތަކުގައި ބައިވެރި ނުވަނީ ކީއްވެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ރުޕާލީ ބުނީ ބައްޕަ އާއެކު ފިލްމު އިންޑަސްޓްރީއަށް ބެލީމަ ފެންނަ ގޮތާއި އަމިއްލައަށް މަސައްކަތް ހޯދަން ނުކުތުމުން ފެންނަ ގޮތް ތަފާތު ވީމަ ކަމަށެވެ.

ރުޕާލީގެ ބައްޕަ އަނިލް ގަންގޫލީ އަކީ ވަރަށް ގިނަ ހިންދީ ފިލްމުތަކެއް ޑައިރެކްޓްކުރި ކުޅަދާނަ އަދި މަޝްހޫރު ޑައިރެކްޓަރެކެވެ. އަދި ކުޅަދާނަ ސްކްރީން ރައިޓަރެއް ވެސް މެއެވެ. މީގެ ފަސް ވަރަކަށް އަހަރު ކުރިން އޭނާ ވަނީ މި ދުނިޔެ ދޫކޮށްފަ އެވެ.

އަނިލް ޑައިރެކްޓްކުރި ޖާޔާ ބައްޗަން ލީޑް ރޯލު ކުޅެފައިވާ "ކޮރާ ކާގަޒް" (1974) އަށާއި 1975 ގައި ރިލީޒްކުރި "ތަޕަސްޔާ" އާ ދެ ފިލްމުން އަނިލް އަށް އެންމެ މޮޅު ޑައިރެކްޓަރުގެ ނެޝަނަލް އެވޯޑު ލިބިފައި ވެއެވެ.