އެކްޓަރު ސަންޖޭ ކަޕޫރުގެ ދަރިފުޅު ޝަނާޔާ ކަޕޫރު ބޮލިވުޑަށް ތައާރަފް ވާން ދަނީ ތައްޔާރު ވަމުންނެވެ. ޝަނާޔާ ތައާރަފް ކުރުމުގެ ޒިންމާ ނަގާފައިވަނީ ކަރަން ޖޯހަރްގެ ޓެލެންޓް އެޖެންސީ ދަރްމާ ކޯނާސްޓޯން އިންނެވެ. އުމުރުން 21 އަހަރުގެ ޝަނާޔާގެ ފުރަތަމަ ފިލްމުގެ މަސައްކަތް އަންނަ ޖުލައި މަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިކަމުގެ ތައްޔާރީތައް ޝަނާޔާ ވަނީ ފަށާފަ އެވެ.
ޝަނާޔާ ބޮލީވުޑަށް ނުކުތުމާ މެދު އޭނާ ބައްޕަ ދެކޭ ގޮތް ދާދި ފަހުން ސަންޖޭ ވަނީ ހާމަކޮށްފަ އެވެ. ސަންޖޭ ބުނި ގޮތުގައި ފިލްމު ކުޅެން ފެށޭނެ ދުވަހަކަށް އޭނާގެ ދަރިފުޅު އިންތިޒާރު ކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ.
ސަންޖޭ ފިލްމު ކުޅޭތާ 26 އަހަރު ވެފައިވާއިރު މި ދިގު މުއްދަތުގެ ތެރޭގައި ބޮޑެތި އަޑިގަނޑުތަކާއި އުސްގަނޑުތައް އޭނާ ވަނީ ތަޖުރިބާ ކޮށްފަ އެވެ. ނަމަވެސް އޭނާގެ ތަޖުރިބާގެ އަލީގައި ދަރިފުޅުގެ ކެރިއަރު ބައްޓަން ކުރާކަށް ސަންޖޭ ބޭނުމެއް ނޫނެވެ. އޭނާ ބޭނުން ވަނީ ޝަނާޔާ އަމިއްލަ މަސައްކަތުން އޭނާގެ ހުނަރުން ފިލްމު އިންޑަސްޓްރީން ޖާގަ ހޯދާށެވެ.
ޝަނާޔާ އަށް ދޭ ނަސޭހަތަކީ ކޮބައިތޯ ސުވާލު ކުރުމުން ސަންޖޭ ބުނީ ފިލްމީ ދާއިރާއަކީ އަމިއްލަ ތަޖުރިބާއިން ނޫނީ ކަމެއް ދަސް ނުވާނެ ދާއިރާއެއް ކަމަށެވެ. ސަބަބަކީ ކޮންމެ މީހަކަށް ކުރެވޭނެ ތަޖުރިބާ ތަފާތު ވާނެތީ އެވެ.
"އޭނަޔަށް ހިނގާނެ މަގު ދައްކަން އަހަރެން ނެތަސް އޭނާގެ ފަހަތުގައި އަބަދުވެސް އޭނާ ކުރާ ކަންކަމަށް ފަރުވާތެރި ކަމާއެކު ބަލަން އަހަރެން ހުންނާނެކަން އޭނާއަށް އެނގޭނެ،" ސަންޖޭ ބުންޏެވެ.
ބޮލީވުޑަށް ނުކުތުގެ ތައްޔާރީތައް ކުރަމުންދާ ޝަނާޔާ މިހާރު އުޅެނީ އަލަން ފަށަން އުޅޭ ފިލްމާ ގުޅޭ ވޯކްޝޮޕްތަކާއި ތަމްރީނު ތަކުގަ އެވެ.
ޝަނާޔާ އެންމެ ފުރަތަމަ ބެލުންތެރިންގެ ސަމާލުކަމަށް އައީ 2019 ގައި ޕެރިސްގައި އޮތް "ލެ ބާލް" ފެޝަން ޝޯގައި ބައިވެރި ވެގެންނެވެ. އަދި އޭނާގެ ދެބެންގެ ދެ ދަރި ޖާންވީ ކަޕޫރުގެ "ގުންޖަން ސަކްސޭނާ: ދަ ކާރްގިލް ގާލް" ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ޝަނާޔާ ވަނީ މަސައްކަތް ކޮށްފަ އެވެ.