"އަހަރެން ގޮވައިގެން ސައިކަލުގައި ދާއިރު މަގުމަތިން ފެންނަ ހިކި އަންހެން ކުދިން ދައްކާފައި ފިރިމީހާ އަހަރެންނާ ދިމާލަށް ބުނާނެ، ބަލާލަބަލާށޭ ހިކިކޮށް ތިބޭ އަންހެން ކުދިން ރީތިކަން."
މިއީ އަލަތު ދަރިފުޅަށް ބަލިވެ އިންގޮތަށް ފަލަވެ، ކުރީގެ ސިފައަށް މިހާރު ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ޒުވާން އަންހެނަކު ނަން ނުޖެހުމަށް އެދި ކިޔައިދިން ވާހަކަ އެކެވެ.
އޭނާ ބުނީ މީގެ ދެ އަހަރު ކުރިން ކައިވެނިކުރި ފިރިމީހާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު އޭނާ އަކީ ވެސް "މަގުމަތިން ފިރިމީހާ މިހާރު ދައްކާ" ކަހަލަ ހިކި އަންހެން ކުއްޖެއް ކަމަށެވެ. އެކަމަކު މިހާރު ވަރަށް ފަލަ އެވެ. ވަރަށް ބަރެވެ.
އެ ބަރުދަން އޭނާ އަށް އިހްސާސްކުރެވެނީ ނިކަން ބޮޑު ވޭނެއްގެ ގޮތުގަ އެވެ. ސަބަބަކީ ބަނޑުބޮޑުވެގެން ހަށިގަނޑަށް އައި ބަދަލުތަކަށް ފަހު ފިރިމީހާގެ ފަރާތުން ކުރިން ލިބުނު ލޯތްބާއި އަޅާލުން ނުވަތަ ސަމާލުކަމާއި ޝައުގުވެރިކަން މިހާރު ނުލިބޭތީ އެވެ.
ދިރާސާތަކުން ދައްކާ ގޮތުން ވަރަށް ގިނަ ފަހަރަށް ފިރިމީހާ އޭނާގެ އަނބިމީހާ އަށް ބޭވަފާތެރިވުމަށް މެދުވެރިވާ ހާލަތެއް ދެމީހުންގެ ދެމެދުގައި އުފެދިގެން ދަނީ އަނބިމީހާ ބަލިވެ އިންނަ ހިސާބުންނާއި ބަލިވެއިނުމާ ގުޅިގެން އަންހެން މީހާގެ ހަށިގަނޑުގެ ސިފައަށް އަންނަ ބަދަލުތަކަކާ ގުޅިގެންނެވެ. ޔަގީނަށް ވެސް މިކަން ތަޖުރިބާކުރެވިފައިވާ އަންހެނުން މި އާޓިކަލް ވެސް ކިޔަމުން ދާނެކަން ޔަގީނެވެ.
އެހެންވީމަ މައްސަލައަކީ ކޮބައި ހެއްޔެވެ؟ ލޯބިން މާ ފޮޅުވުމަށް ފަހު އެތައް ވައުދެއްވެ ކައިވެނީގެ ގޮށްޖަހާ ބައިވެރިޔާ އަށް ފިރިމީހާގެ ބޭނުން އެންމެ މުހިންމުވާ ދަނޑިވަޅުގައި ބައެއް ފިރިހެނުން އެހެން އަންހެނުންގެ އުނގަށް ވެއްޓިގަންނަނީ ކީއްވެ ހެއްޔެވެ؟
ނުވަތަ ބަލިވެއިންނަ އަނބިމީހާ މަތިން ކުއްލިއަކަށް ފޫހިވަނީ ކީއްވެ ހެއްޔެވެ؟
ބައެއް ތަޖުރިބާކާރުން ބުނާ ގޮތުން މިފަދަ ހާލަތްތަކުގައި އަނބިމީހާ އަށް ބޭވަފާތެރިވާ ފިރިންނަކީ އެމީހުންގެ ދިރިއުޅުމުގައި އަބަދުވެސް "ޗީޓްކުރަން" ދެވިހިފާފައިވާ މީހުންނެވެ. އަދި އެކަކަށް ބޭވަފާތެރިވާ ފިރިހެން މީހާ އަނެއް އަންހެން މީހާ އަށް ވެސް ދޯކާދޭނެ ކަމަށް ދިރާސާތަކުން ދައްކަ އެވެ.
އެހެންވީމަ ބަލިވެއިނުމުން ފިރިހެންގެ ލޯބިން އަނބިން މަހްރޫމްވާ ކަމަށް ބުނާ ވާހަކައަކީ އޭގައި މުޅިން ހަގީގަތެއް އޮތް ވާހަކައެއް ނޫނެވެ. ނިކަން ލޯބިން އެކުގައި އުޅޭ ނިކަން ފަލަ މީހުން ވެސް ތިބެ އެވެ.