ލައިފްސްޓައިލް

ސަލާންޖެހި މީހަކު މަރުވިއިރު ގޭގައި 10 ލައްކަ ރުޕީސް

އިންޑިޔާގެ ތިރުމާލާގައި ދިރިއުޅުނު ސަލާންޖަހާ މީހަކު މަރުވުމުން އޭނާގެ ގެ ފާސް ކުރިއިރު 10 ލައްކައަށްވުރެ ގިނަ ރުޕީސް ފެނިފައިވާ ކަމަށް އެ ހިސާބުގެ ފުލުހުން ބުނެފި އެވެ.

ސިރީނިވާސާޗާރީ ނަމަކަށް ކިޔާ މި މީހާއަކީ ސަލާން ޖަހައިގެން ފައިސާ ހޯދައިގެން ދިރިއުޅުނު މީހެކެވެ. އޭނާގެ އަމިއްލަ ގެއެއްވެސް ތިރުމަލާ އާ ކައިރީ ހިސާބެއްގައި ހުރެ އެވެ. އެ ގޭގައި 2007 ފެށިގެން އޭނާ ދިރިއުޅެމުން ގޮސްފައި ވެއެވެ. އެ ގޭގައި ދިރިއުޅެން ފެށީއްސުރެ އެމީހާ ދިޔައީ ގޭގެ ތަނެއްގައި ފައިސާ ފޮރުވަމުންނެވެ.

ބަލިވެ އުޅެފައި އެމީހާ މަރުވީ މިދިޔަ އަހަރު އެވެ. މަރުވިއިރު އޭނާގެ އާއިލާގެ މީހެއް ވާރުތަވެރިއެއް ވެސް ނެތެވެ. އެހެންވެ އޭނާގެ ގެ ސަރުކާރުގެ ކަމާ ބެހޭ އިދާރާއަށް ނަގަން ވެގެން އެ ގެ ބަލަން ރެވެނިއު ޑިޕާޓްމަންޓާއި އެނޫން ވެސް ކަމާ ބެހޭ އިދާރާތަކުގެ އޮފިޝަލުން އެގެއަށް ގޮސް އެ ގެ ހުޅުވާ ބެލިއިރު ބޮޑު ދެ ފޮށީ ފުރެންދެން ފައިސާ ރައްކާ ކޮށްފައި ހުއްޓާ ވަނީ ފެނިފަ އެވެ. މި ފައިސާގެ ޖުމްލަ 10 ލައްކަ ރުޕީސްއަށް އަރާ ކަމަށާއި މީގެ ތެރޭގައި މިހާރު ބޭނުން ކުރުން ހުއްޓާލާފައިވާ ފައިސާ އާއި އަދި ބޭނުންކުރާ ފައިސާ ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މިހާރު މި ހުރިހާ ފައިސާ ގެންގޮސް ދައުލަތުގެ ޚަޒާނާގައި ރައްކާ ކޮށްފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.