ރައީސް މުހައްމަދު ނަޝީދު

ފަލަސްތީނަށް ހަމަލާދިނުން ހުއްޓާލުމަށް ނަޝީދު ގޮވާލައްވައިފި

May 19, 2021
5

އިޒްރޭލުން ގަޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ޖަރުމަންގައި މިވަގުތު ހުންނެވި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ފެނި ވަޑައިގަތުމުން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އިޒްރޭލުގެ ހަމަލާތައް ހުއްޓާލަން ވަނީ ގޮވާލައްވާފަ އެވެ.

ފަލަސްތީން ރައްޔިތުންނަށް އިޒްރޭލުން އަޅާފައިވާ ހުރަސްތައް ނައްތާލައި ފަލަސްތީން ރައްޔިތުންނަށް ވެސް އާމްދަނީ ހޯދޭނެ ގޮތާއި ހަމަޖެހިލައިގެން ދިރިއުޅެވޭނެ މަގެއް ހޯދައިދޭން ޖެހޭ ކަމުގައި ވެސް ވިދާޅުވި އެވެ. އަދި ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަށް އޮތް ހައްލަކީ މިނިވަން ދެ ދައުލަތް އުފެއްދުން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އިޒްރޭލުން ދޭ ލާއިންސާނީ ހަމަލާތަކާ ދެކޮޅު ހާމަ ކުރައްވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް އިއްޔެ ވަނީ ފަލަސްތީނާއެކު ހުންނެވި ކަން ހާމަ ކުރައްވާފަ އެވެ.

ފަލަސްތީން ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ގޮވާލައި ދިވެހި ޒުވާނުންތަކެއް އިސް ނަގައިގެން އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތަށް ދައުލަތުގެ އިސްވެރިންނާއި ސިޔާސީ ޕާޓީތަކާއި އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ.

ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް މިދިޔަ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ކުއްލި މައްސަލަ އެއްވެސް ހުށަހަޅާފައިވެ އެވެ.

އިޒްރޭލުން ރޯދަ މަހުގެ ފަހު ދިހައަކުން ފެށިގެން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.