ހއ. މުރައިދޫގައި ކޮވިޑް-19 އިގެ ބަލީގެ އަލާމާތްތައް ހުރެގެން ފުލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުން އެ ރަށް މޮނިޓަރިން އަށް ގެންގޮސްފި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން މުރައިދޫ ސިއްހީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރު މުހައްމަދު މުއާޒު މިއަދު ވިދާޅުވީ އެރަށުން ޕޮޒިޓިވްވީ މީހަކީ ހޯމް ކަރަންޓީނުގައި ހުރި މީހެއް ނޫން ކަމަށެވެ. އެހެންކަމުން އޭނާގެ ފަރާތުން ބަލިޖެހިފައިވާ އެހެން ބަޔަކު ތިބުމުގެ ފުރުސަތު އޮތުމުން ރޭގެ ވަގުތެއްގައި މުރައިދޫއަށް އަރާ ފޭބުން މަނާކޮށްފައިވާ ކަމަށެވެ.
މުއާޒު ވިދާޅުވީ ޕޮޒިޓިވް މީހާއާ ބައްދަލުވި ޑިރެކްޓް ކޮންޓެކްޓްގެ ގޮތުގައި 19 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. ނަމަވެސް އެމީހުންގެ ނަތީޖާ އަދި ނުލިބޭ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިނަގާ ސާމްޕަލްތައް އާންމު ގޮތެއްގައި މިފޮނުވަނީ ކުޅުދުއްފުށްޓަށް. އެކޮޅުން ނަތީޖާ ލިބެން އެވްރެޖްކޮށް 24 ގަޑިއިރު ނަގާނެ،" މުރައިދޫ އިން ނަގާ ސާމްޕަލްތަކާ މެދު އަމަލުކުރާ ގޮތް ހިއްސާ ކުރައްވަމުން ވިދާޅުވި އެވެ.
މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކޮވިޑް ކޭސް އެއް ފެނުމާ ގުޅިގެން ވެސް މުރައިދޫ މޮނިޓަރިން އަށް ގެންގޮސްފައިވެ އެވެ.
މުއާޒު އިތުރަށް ވިދާޅުވީ ރޭގެ ވަގުތެއްގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހާ ފިޔަވާ އިތުރު މީހަކު އެ ރަށުގައި މިވަގުތަށް ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުން ނުދާ ކަމަށެވެ.
"ދެން މިބޭފުޅާ ޕޮޒިޓިވްވީ ގޮތެއް ވެސް އަދި އަޅުގަނޑުމެންނަކަށް ނޭނގޭ. އެކަން މިދަނީ ބަލަމުން. ޕޮޒިޓިވްވި ގޮތާ ގުޅޭގޮތުން އެހެންވެ އެއްޗެއް ދަންނަވަން މިވަގުތު ދަތި،" މުއާޒު ވިދާޅުވި އެވެ.
ކޮވިޑް ބަލި ހަލުވި ކަމާ އެކު ފެތުރެމުންދާތީ ގިނަ ރަށްތަކުގައި ވަނީ ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އަޅާފަ އެވެ. ނަމަވެސް ބައެއް މީހުން ކަރަންޓީނުގެ އުސޫލާ ހިލާފުވުމުން ވަރަށް ގިނަ ރަށްރަށުގެ ރައްޔިތުންނަށް މިބަލި ޖެހި ގިނަ ރަށްތަކެއް ވަނީ ބަންދުކޮށްފަ އެވެ.