އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ލިސްޓުގައި ހިމެނުނު ސަރުކާރުގައި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިކުރަން ނޫޅޭތީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި ދައުލަތުގެ މަގާމުތަކުގައި ތިބި 119 މީހުން ހިމެނޭއިރު، ތަހުގީގަށް ނުފޫޒު ފޯރުމުގެ ފުރުސަތު އޮންނާނެތީ އެމީހުން މަގާމުން ވަކިކުރަން އެ މައްސަލަ ދިރާސާކޮށް މަޖިލީހުގެ ޖުޑީޝިއަރީ ކޮމެޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ސަބް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.
ކޮމެޓީން އެގޮތަށް ނިންމި ނަމަވެސް މަގާމުގައި ތިިބި މީހުން ވަކިކުރާނީ ތަހުގީގީ މަރުހަލާ ނިމުމުންކަމަށް ސަރުކާރުން ބުނެފައި ވެއެވެ.
ސަބް ކޮމެޓީގެ ރިޕޯޓަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގައި މީކާއިލް ވިދާޅުވީ ކޮމެޓީގެ ނިންމި ނިންމުމަށް ސަރުކާރުން ގޮންޖެހުމުން ހައިރާންވެލައްވާ ކަމަށެވެ.
" ހައިރާންވަނީ، މި ރިޕޯޓްގައި މި ރިކޮމެންޑޭޝަން މިއޮތީކީ ހަމަ ރިކޮމެންޑޭޝަނެއް ޖަހާލުމުގެ ބޭނުމުގައެއް ނޫން. މި ރިކޮމެންޑޭޝަންގެ ފަހަތުގައި ހިކުމަތެއް އެބައޮތް. ސަބަބެއް އެބައޮތް. އެ ސަބަބަކީ އެމީހެއްގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މިހާރު އެމީހުންނާމެދު ހިނގަމުންދާ އެ ތަހުގީގަށް ނުފޫޒު ފޯރުވޭނެ ބައެއް ކަމަށް މި ކޮމެޓީގެ ބައެއް މެމްބަރުންނަށާއި މަޖިލީހުގެ މެމްބަރުންނަށް ގަބޫލުކުރެވޭތީ. އެހެންވީމާ މި ރިޕޯޓް ފާސްވުމުގެވެސް ކުރިއާލައި އެފަދަ ގޮތަކަށް ސަރުކާރުންވެސް ހާމަކުރެއްވީ އެންމެ ޒިންމާދާރު ގޮތެއް ނޫން" މީކާއީލް ވިދާޅުވި އެވެ.
އެހެންކަމުން ހިޔާނާތުގެ ލިސްޓުގައި ހިމެނޭ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މިހާރުން މިހާރަށް ވަކިކޮށް ނުވަތަ މަގާމުގެ މަސްއޫލިއްޔަތުން އެކަހަރިކުރަން މީކާއިލް މިއަދު ގޮވާލެއްވި އެވެ. އަދި ކޮމެޓީން ލަފާދިން ކަންކަން ބަލައިގަނެ އަމަލުކުރަން ސަރުކާރަށް ގޮވާލެއްވި އެވެ. ވިދާޅުވީ ސަރުކާރަށްވެސް އަދި މަޖިލީހަށް އޭގެ ސަބަބުން ރައްޔިތުންގެ އިތުބާރު ލިބިގެންދާނެ ކަމަށެވެ.