ށ. މިލަންދޫއާއި ބ. އޭދަފުށީގައި ކަރަންޓީނުގެ އުސޫލާ ހިލާފު ބަޔަކު ޖޫރިމަނާކޮށްފި އެވެ.
މިލަންދޫގައި އުމުރުން 32 އަހަރުގެ މީހަކު ރޭގެ ވަގުތެއްގައި ޖޫރިމަނާކުރީ އޭނާ ކޮވިޑަށް ޕޮޒިޓިވްވެ ކަރަންޓީނުގައި ހުރި ގޭގެ ހުސްޖާގައިގައި ބަހައްޓާފައި ހުރި ޖޯލިފައްޗަކާ ހަމައަށް އެކުވެރިންތަކެއް ގެނެސް ފޫހިފިލުވި މައްސަލާގަ އެވެ.
އޭދަފުށީގައި މިދިޔަ އާދިއްތަ ދުވަހު މީހަކު ޖޫރިމަނާ ކުރީ ކަރަންޓީނުގެ މުއްދަތު ހަމަނުވަނީސް ގެއިން ބޭރަށް ނިކުތުމުންނެވެ.
މި ދެ މީހުން ޖޫރިމަނާކުރީ 10،000 ރުފިޔާ އިން ކަމަށް ދެ ރަށުގެ ކައުންސިލް އިދާރާ އިން ވަނީ ޔަގީންކޮށްދީފަ އެވެ.
މީގެކުރިން ގއ. ވިލިނގިލީގައި ކަރަންޓީނުގެ އުސޫލާ ހިލާފަށް ކޯޓަށް ހާޒިރުވެ ކައިވެނި ކުރި ދެމަފިރިއަކު ވެސް ވަނީ 10،000 ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ.
ރަށްރަށުގައި ކަރަންޓީނުގެ އުސޫލާ ހިލާފަށް ބައެއް މީހުން ބޭރަށް ނިކުމެ އުޅުމުގެ ސަބަބުން އެމީހުންގެ ފަރާތުން އެ ރަށްރަށުގެ އެތައް ބަޔަކަށް ކޮވިޑް 19 ބަލިޖެހިފައިވެ އެވެ.