އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަން ގާނުނާ ހިލާފުވެފައިވާ ކަމަށް މަޖިލީހުގެ ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ދިރާސާކޮށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ސަބް ކޮމިޓީން އެކުލަވާލި ރިޕޯޓަށް މިއަދު މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރައްވަމުން އުޝާމް ވަނީ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އުޝާމް ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނަކީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސް ސޯލިހަށް ލިބިވަޑައިގަންނަވާ ބާރެއްގެ ދަށުން އުފައްދަވާފައިވާ ކޮމިޝަނެއް ކަމަށާއި މުޅި ގާނޫނު އަސާސީއަށް ބަލާލިކަމުގައި ވިޔަސް އެ ކޮމިޝަންގެ މަގުސަދަކީ ސީދާ ރައީސްއަށް ލަފާ ދިނުން ކަމަށެވެ. އެހެންކަމުން ހިޔާނާތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުން ފިޔަވާ ކޮމިޝަނުން ކުރަންޖެހޭ އެހެން ކަމެއް އޮތް ކަމަށް ގާނޫނުއަސާސީގެ އެއްވެސް ބާބަކުން ފެންނަން ނެތް ކަމަށެވެ.
އެހެންނަމަވެސް ކޮމިޝަނުން އަމަލުކޮށްފައިވަނީ ގާނޫނު އަސާސީގައި ބުނާ އުސޫލުތަކާ ހިލާފަށް ކަން އުޝާމް ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ. އަދި ގާނޫނުއަސާސީއާ ކޮމިޝަނަށް ހާއްސަ ގާނޫނުގައި ބުނާ އިޖުރާތްތަކާ ހިލާފަށް އެ ކޮމިޝަނުން މަޖިލީހަށް ހުށަހެޅި ރިޕޯޓަށް ބިނާކޮށް މަޖިލީހުގެ ސަބް ކޮމިޓީން ރިޕޯޓެއް އެކުލަވާލުމުން ވެސް އެކަމަށް އުޝާމް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
"މިގާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮންނާނެ މި ކޮމިޝަންގެ ތަހުގީގު ފުރިހަމަކުރުމަށް ފަހު އެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަން ޖެހޭނެ ކަމަށް. އެހެންނަމަވެސް [އެސެޓް ރިކަވަރީ ކޮމިޝަނުން] ތަހުގީގު ފުރިހަމަ ކުރައްވާފައެއް ނެތް. ދެވަނަ ކަމަކަށް އެ ލިސްޓު ގާނޫނު ހަދާ މަޖިލީހާ ހިއްސާކުރީ ކޮންގޮތަކާ މެދު ކަން ގާނޫނީ ގޮތުން ސުވާލު އުފެދޭ،" އުޝާމް ވިދާޅުވި އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނާ ގާނޫނީ ގޮތުން އެންމެ ބޮޑަށް މަތިކޮށްފައިވަނީ ގެއްލުނު އެސެޓްތައް އަލުން ހޯދުމަށް ކަމަށްވާއިރު މިހާތަނަށް އެއްވެސް އެސެެޓެއް ހޯދިފައި ނެތުން އެއީ ކޮމިޝަން ފެއިލްވެފައި އޮތުން ކަމަށް ސިފަ ކުރެއްވި އެވެ.
އުޝާމް ވިދާޅުވީ ދައުލަތުގެ އެސެޓްތަަކަށް ވީގޮތް ވަރަށް ސާފުކޮށް އެނގެން އޮތްއިރު ވެސް އެ އެސެޓްތައް ހޯދަން މިވީހާ ތަނަށް އެއްވެސް މަސައްކަތެއްް ކޮމިޝަނުން ކޮށްފައި ނުވާ ކަމަށެވެ.
"ރަށްތަކާ ފަޅުތައް ލިބުނީ ކޮން ބަޔަކަށް ކަން ވަރަށް ސާފުކޮށް އެ އޮތީ ފެންނަން. އެގްރީމަންޓް ބަލާލީމަ އެފަރާތްތަކުން ނުއަގުގައި އެސެޓްތައް ގަތްކަން އެއޮތީ ވަރަށް ސާފުކޮށް ފެންނަން. މާބޮޑު ތަހުގީގެއް އެކަމަށް ކުރާކަށް ނުޖެހޭ. ފަސް މިލިއަން ރުފިޔާގެ ރަށެއް ފަސްލައްކަ ރުފިޔާއަށް ގަތީ ކޮން ބައެއްކަން އެގްރިމަންޓްތައް ބަލާލީމަ ވަރަށް ސާފުކޮށް ފެންނާނެ. މާބޮޑު ތަހުގީގެއް ކުރާކަށް ނުޖެހޭ،" ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް އުޝާމް ވިދާޅުވި އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނަށް އުޝާމް ވަރަށް ބޮޑަށް ފާޑުވިދާޅުވި އިރު އެ ކޮމިޝަންގެ މަސައްކަތް އެެންމެ އެދެވޭ ގޮތަށް ނުދާ ކަމަށް ވިދާޅުވެ އެމްޑީޕީ މެމްބަރުންގެ ނުރުހުންވެސް ކޮމިޝަނަށް މިއަދު ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.