އިމިގްރޭޝަން

"އުޒުރުވެރިންގެ ޕާސްޕޯޓް އުޒުރުވެރިންނާ ހަމަޔަށް" ޕްރޮގްރާމް ފަށައިފި

އުމުރުން ދުވަސްވުމާއި ބަލި ހާލަތު ތަން ނުދިނުމުގެ ސަބަބުން އިމިގްރޭޝަން އޮފީހަށް ގޮސް ޕާސްޕޯޓު ހައްދަން އުޒުރުވެރިވާ ފަރާތްތަކަށް ފަސޭހަކަމާއި އެކު ޕާސްޕޯޓު ހައްދައިދޭ ޕްރޮގްރާމެއް އިމިގްރޭޝަނުން ފަށައިފި އެވެ.

"އުޒުރުވެރިންގެ ޕާސްޕޯޓު އުޒުރުވެރިންނާ ހަމަޔަށް" ނަމުގައި މިއަދު ފެށި މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ބަލިމީހުންނަށް ޕާސްޕޯޓު ހައްދައިދިނުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރައްވާ އަމިއްލަ ފަރާތެއް ކަމަށްވާ އަހުމަދު ނަސީރު އެވެ. ޕްރޮގްރާމް ފެޑުމުގެ ގޮތުން އޭނާ ވަނީ މިއަދު އަލަށް ފެށި މި ޕްރޮގްރާމުގެ ދަށުން އިމިގްރޭޝަނުން ފުރަތަމަ ޕާސްޕޯޓު ހަދައިދިން އަންހެންމީހާއަށް ޕާސްޕޯޓު ދީފަ އެވެ.

ދުވަސްވީ މީހުންނަށް ޕާސްޕޯޓު ހައްދަން ގިނަ ދުވަހު މަސައްކަތް ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އަހުމަދު ނަސީރު ވިދާޅުވީ، މިއަދަކީ އޭނާގެ ޙަޔާތުގައި އައި އުފާވެރި ދުވަހެއް ކަމަށެވެ. އުމުރުން ދުވަސްވުމުގެ ސަބަބުންނާ، ސިއްހީ ބަލި ހާލަތުގެ ސަބަބުން އިމިގްރޭޝަނަށް ދާން އުޒުރުވެރިވެގެން ޕާސްޕޯޓު ހައްދަން ލަސްވެ، ބޭސްފަރުވާ ލަސްވެފައިވާ ގިނަ ބަޔަކު ރާއްޖޭގައި މިހާރުވެސް އެބަތިބި ކަމަށް ނަސީރު ވިދާޅުވި އެވެ.

"އަޅުގަނޑު ހަނދާން އެބަހުި ޕާސްޕޯޓު ނުހެއްދިގެން ބަލި މީހަކު ސްޓްރެޗާއަށް ލައިގެން އަޅުގަނޑު އިމިގްރޭޝަނަށް ގޮސް އެ މީހާގެ ޕާސްޕޯޓު ހައްދައިދިން ހަނދާން. ނަމަވެސް މިއަދު އެފަދަ ބަލި އަދި ދުވަސްވީ މީހުންނަށް އެމީހުން ގޭގައި ބައިތިއްބައިގެން ޕާސްޕޯޓގެ ހުރިހާ ކަމެއް ނިންމައި، ގެއާ ހަމަޔަށް ޕާސްޕޯޓު ގެނެސްދޭ ޕްރޮގްރާމެއް އިމިގްރޭޝަނުން މި ފެށީ. މިއީ ދިވެހިން، ޚާޢްސަކޮށް ދުވަސްވީ މީހުންނަށް ލިބުނު ވަރަށް ބޮޑު ލުޔެއް،" އަހުމަދު ނަސީރު ވިދާޅުވި އެވެ.

އިމިގްރޭޝަނުން ބުނީ، "އުޒުރުވެރިންގެ ޕާސްޕޯޓު އުޒުރުވެރިންނާ ހަމަޔަށް" ޕްރޮގްރާމްގެ ދަށުންދޭ ހިދުމަތް ކޮންމެ ހަފުތާއެއްގެ އަންގާރަ ދުވަހު އެ ޑިޕާޓްމަންޓުން ފޯރުކޮށްދޭނެ ކަމަށެވެ. އެހެންކަމުން، މި ޕްރޮގްރާމުގެ ދަށުން ހައްދާ ޕާސްޕޯޓުތައް ނިންމައި ވެރިފަރާތާ ހަމަޔަށް ހަފުތާއެއްގެ ތެރޭގައި އިމިގްރޭޝަނުން ގެންގޮސްދޭނެ އެވެ.