ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

މަރުގެ ރެކޯޑެއް، މިއަދު ކޮވިޑްގެ ހަތް މަރު

ކޮވިޑް ބަލީގައި މިއަދު ހަތް މީހަކު މަރުވެ ކޮވިޑްގައި އެންމެ ގިނަ ބަޔަކު މަރުވި ދުވަހަށް މިއަދު ވެއްޖެ އެވެ.

އެޗްޕީއޭ އިން އާންމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިއަދު މަރުވި ހަތްވަނަ މީހަކީ އުމުރުން 62 އަހަރު އަންހެކެވެ. އައިޖީއެމްއެޗްގެ އީއާރުގައި އެމީހާ މަރުވީ މެންދުރު 12:16 ގައެވެ. މިއީ މާލެ ސަރަހައްދުން މިއަދު މަރުވި ފަސްވަނަ މީހާ އެވެ.

މިއަދު ހަވަނައަށް މަރުވީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވީ ހުޅުމާލޭގެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު 9:48 ހާއިރު އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު މާލެއިން މަރުވި ފުރަތަމަ މީހަކީ 73 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ މަރުވީ އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު 7:25 ގައެވެ. މާލެ ސަރަހައްދުން މަރުވި ދެވަނަ މީހާއަކީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 51 އަހަރުގެ އިންޑިއާ މީހެކެވެ. އޭނާ މަރުވި ކަމަށް ރިޕޯޓް ކޮށްފައިވަނީ ހެނދުނު 8:44 ގައެވެ.

މާލެ ސަރަހައްދުން މަރުވި ތިން ވަނަ މީހާ އަކީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ މަރުވި ކަމަށް އެޗްޕީއޭ އިން ނިންމާފައިވަނީ މިއަދު ހެނދުނު 8:30 ގައެވެ.

ކޮވިޑް ބަލީގައި މިއަދު ހެނދުނު ވަނީ ލ. އަތޮޅުން ވެސް ދެ މީހުން މަރުވެފަ އެވެ. ގަން ހޮސްޕިޓަލްގައި ގާއިމު ކޮށްފައިވާ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ ގަމު، މަތިމަރަދޫ އަވަށަށް ނިސްބަތްވާ އުމުރުން 87 އަހަރުގެ ފިރިހެނަކާއި ލ. މާވަށަށް ނިސްބަތްވާ އުމުރުން 69 އަހަރުގެ އަންހެނެކެވެ.

އެހެންކަމުން ރާއްޖޭގައި ކޮވިޑް ބަލީގައި މިއަދު މަރުވި ހަތް މީހުންނާ އެކު ކޮވިޑްގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 112 އަށް އިތުރުވެފަ އެވެ.

ކޮވިޑް ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެ މީހުން މަރުވާ އަދަދުވެސް ވަރަށް ބޮޑަށް އިތުރުވެފައިވާތީ ބައްޔަށް ރައްކާތެރިވުމުގެ ގޮތުން ފަރުދީ ޒިންމާ އަދާ ކުރުމަށް ޑޮކްޓަރުންނާއި ސިއްހީ އެހީތެރިން ދަނީ އިލްތިމާސް ކުރަމުންނެވެ.

ކޮވިޑް ފެތުރެމުންދާތީ ރާއްޖޭގެ 50 އަކަށް ރަށް ވެސް މިހާރު ވަނީ މޮނިޓަރިން އަށް ގެންގޮސްފަ އެވެ.