ދުނިޔެ

ތުރުކީން އެމްބިއުލާންސާއި ހޮސްޕިޓަލް އެނދު ގާޒާއަށް

ތުރުކީގެ ދިޔަނެޓް ފައުންޑޭޝަނުން 20 ހޮސްޕިޓަލް އެނދާއި އެމްބިއުލާންސްތައް ގާޒާގެ އައްޝިފާ ހޮސްޕިޓަލަށް ފޮނުވައިފި އެވެ. ފައުންޑޭޝަންގެ ޗެއާމަން އިހްސާން އަސީކު ވިދާޅުވީ އުންމީދަކީ ހާލުގައި ޖެހިފައި ތިބި ފަލަސްތީން އަހުންނަށް އެހީތެރިކަމެއް ފޯރުކޮށް ދިނުން ކަމަށެވެ.

އިހްސާން ވިދާޅުވީ އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާވެރި ހަމަލާތަކުގައި ގެދޮރު ގެއްލި ވަންނާނެ ތަނެއް ނެތް އެތައް ބަޔަކަށް ހޮސްޕިޓަލުން އެހީތެރިކަށް ފޯރު ކޮށްދެމުން އަންނަ ކަމަށާއި ދިޔަނެޓް ފައުންޑޭޝަނުން އެހީތެރިކަން ފޯރުކޮށް ދޭނެ ކަމަށެވެ. އަދި ވިދާުވީ އިތުރު އެމްބިއުލާންސްތައް ފޮނުވަން ވެސް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އިޒްރޭލުން ފަލަސްތީނުގެ ބިންތައް ޖަހަގަތީއްސުރެ ތުރުކީގެ ދިޔަނެޓް ފައުންޑޭޝަނަކީ ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމާއަތެއް ކަމަށް އިހްސާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިހާތަނަށް 27 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައި ވާނެ ކަމަށެވެ.

ގާޒާގައި އެ ޖަމާއަތުން ބިނާ ކުރި ނުވަ މިސްކަތަކަށް ވެސް ގެއްލުންތއް ދީފައިވާ ކަމަށާއި މަރާމާތަށް ބޭނުންވާ ހުރިހާ އެހީތެރި ކަމެއް ފޯރުކޮށް ދޭނީ ދިޔަނެޓް ފައުންޑޭޝަނުން ކަމަށް އިހްސާން ވިދާޅުވި އެވެ.

އިޒްރޭލުގެ އަސްކަރީ މަތިންދާބޯޓުތަކުން ގާޒާއަށް ދެމުން ގެންދާ މިސައިލް ހަމަލާތަކުގައި 227 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 64 ކުދިންނާއި 38 އަންހެނުން ހިމެނެ އެވެ. އެކިވަރުގެ އަނިޔާ ލިބިފައިވާ އަދަދު 1،620 އަރާފައިވާ ކަމަށް ފަލަސްތީން ހެލްތު މިނިސްޓްރީން ބުނެ އެވެ.