ރާއްޖެއިން އިތުރު 1187 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 48،608 އަށް އަރާފަ އެވެ.
މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 965 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވި މީހުންގެ ތެރެއިން 214 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުންވެސް ހަ މީހަކު ޕޮޒިޓިވްވެފައިވެއެވެ.
މިއަދު ނަތީޖާ ލިބުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވެފައިވާ ސާމްޕަލްތަކުގެ ތެރޭގައި މީގެ ދެތިން ހަތަރު ދުވަސްކުރިން ނެގި ސާމްޕަލްތައްވެސް ހިމެނެއެވެ. މިދިޔަ ސައުވީސް ގަޑިއިރުތެރޭ ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވީ 438 ސާމްޕަލެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 18،843 މީހުންނެވެ. މިހާތަނަށް 29،644 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 274 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
މަރުގެ ރެކޯޑެއް، މިއަދުގެ ހަތް މަރު
އެޗްޕީއޭ އިން އާންމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިއަދު މަރުވި ހަތްވަނަ މީހަކީ އުމުރުން 62 އަހަރު އަންހެކެވެ. އައިޖީއެމްއެޗްގެ އީއާރުގައި އެމީހާ މަރުވީ މެންދުރު 12:16 ގައެވެ. މިއީ މާލެ ސަރަހައްދުން މިއަދު މަރުވި ފަސްވަނަ މީހާ އެވެ.
މިއަދު ހަވަނައަށް މަރުވީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވީ ހުޅުމާލޭގެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު 9:48 ހާއިރު އެވެ.
އެޗްޕީއޭ އިން ބުނީ މިއަދު މާލެއިން މަރުވި ފުރަތަމަ މީހަކީ 73 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ މަރުވީ އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު 7:25 ގައެވެ. މާލެ ސަރަހައްދުން މަރުވި ދެވަނަ މީހާއަކީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 51 އަހަރުގެ އިންޑިއާ މީހެކެވެ. އޭނާ މަރުވި ކަމަށް ރިޕޯޓް ކޮށްފައިވަނީ ހެނދުނު 8:44 ގައެވެ.
މާލެ ސަރަހައްދުން މަރުވި ތިން ވަނަ މީހާ އަކީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ މަރުވި ކަމަށް އެޗްޕީއޭ އިން ނިންމާފައިވަނީ މިއަދު ހެނދުނު 8:30 ގައެވެ.
ކޮވިޑް ބަލީގައި މިއަދު ހެނދުނު ވަނީ ލ. އަތޮޅުން ވެސް ދެ މީހުން މަރުވެފަ އެވެ. ގަން ހޮސްޕިޓަލްގައި ގާއިމު ކޮށްފައިވާ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ ގަމު، މަތިމަރަދޫ އަވަށަށް ނިސްބަތްވާ އުމުރުން 87 އަހަރުގެ ފިރިހެނަކާއި ލ. މާވަށަށް ނިސްބަތްވާ އުމުރުން 69 އަހަރުގެ އަންހެނެކެވެ.
އެހެންކަމުން ރާއްޖޭގައި ކޮވިޑް ބަލީގައި މިއަދު މަރުވި ހަތް މީހުންނާ އެކު ކޮވިޑްގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 112 އަށް އިތުރުވެފަ އެވެ.