މި މަހުގެ މިހާތަނަށް 39 މީހަކު ކޮވިޑް-19 ބަލީގައި މަރުވެފައިވާއިރު އޭގެ ތެރެއިން 64 ޕަސެންޓް މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ކޮށްފައިނުވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
މިރޭ އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ މި މަހު ރެކޯޑް އަދަދަކަށް ކޮވިޑްގެ ބަލި މީހުން މަރުވެފައިވާއިރު އޭގެ ތެރެއިން ގިނަ މީހުން ކޮވިޑް ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައިނުވާ ކަމަށެވެ.
މި މަހު މަރުވި 39 މީހުންގެ ތެރެއިން 64 ޕަސެންޓް މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހައެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވަނީ 24 ޕަސެންޓް މީހުންނެވެ. ނަޒްލާ ވިދާޅުވީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް ބަލަނީ ފުރަތަމަ ޑޯޒް ޖަހާތާ 14 ދުވަސް ވެފައިވުމެވެ.
މަރުވި މީހުންގެ ތެރެއިން ދެ ޑޯޒް ފުރިހަމަ ކޮށްފައިވަނީ 12 ޕަސެންޓް މީހުންނެވެ.
މަރުވި މީހުންގެ ތެރެއިން 80 ޕަސެންޓް މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. 17 ޕަސެންޓް މީހުންނަކީ 60 އަހަރުން ދަށުގެ މީހުންނެވެ.
މިހާރުވެސް ރާއްޖޭގައި ސިނޯފާމް ވެކްސިންނާއި ފައިޒާ ވެކްސިން ޖަހަމުންދާއިރު އުމުރުން ދުވަސްވީ މީހުން ވެކްސިން ޖެހުމަށް ނަޒްލާ ވަނީ އިލްތިމާސް ކުރައްވާފައެވެ.