އިންޑިޔާގެ ބިހާރުގެ ފިރިހެނަކަށް އަލަތު ކައިވެނީގެ އުފާވެރިކަން ލިބުނީ އެންމެ ހަ ގަޑިއިރަށެވެ. ކައިވެނި ކުރިތާ އެންމެ ހަ ގަޑިއިރު ތެރޭ އޭނާގެ އަނބިމީހާ މަރުވުމުންނެވެ.
ރަންޖަން ޔާދަވް (ރަންޖޭ) ގެ ކައިވެނީގެ ކަންކަމުގައި އޭނާގެ އާއިލާއިން އުޅުނީ ވަރަށް އުފަލާ މަޖަލުގަ އެވެ. ރަންޖޭގެ ކައިވެނި ކުރަން ހަމަޖެހުނީ އޭނާ ދިރިއުޅޭ އަވަށާ ކައިރި އަވަށެއްގެ ނިޝާ ކުމާރީ ކިޔާ ޒުވާން އަންހެނަކާ މި މަހުގެ އަށް ވަނަ ދުވަހު އެވެ.
އެ ދުވަހުގެ ހަމަޖެހިފައިވާ ގަޑިޔަށް ރަންޖޭ އޭނާގެ އާއިލާގެ މީހުންނާއެކު މަހަކޯލާ ވިލެޖުގައި ހުންނަ ނިޝާގެ ގެއަށް ދިޔަ އެވެ. އަދި ކައިވެނީގެ ހުރިހާ ރަސްމިއްޔާތުތަކެއް ފުރިހަމަ ކުރި އެވެ.
ކޮވިޑް-19 އިގެ ބަލި މަޑުކަމުގެ ސަބަބުން އެ ސްޓޭޓުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވީ ދެ ފަރާތުގެ އާއިލާއިން ވެސް ހާއްސަ މީހުން ކޮޅެކެވެ.
ކައިވެނީގެ ރަސްމިއްޔާތުތައް ނިމުނުތަނާ ނިޝާ ކުއްލިއަކަށް ބަލިވި އެވެ. ދެ ފަރާތުގެ އާއިލާގެ މީހުން އޭނާ ގޮވައިގެން ސިއްހީ މަރުކަޒަށް ދިޔަ އެވެ. ބޮޑު ހޮސްޕިޓަލަށް ގެންދަން އެތަނުގައި ހުރި ޑޮކްޓަރު އިރުޝާދު ދިނުމުން އެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް ނިޝާ ވަނީ މަރުވެފަ އެވެ.
އޭނާ މަރުވި ސަބަބެއް ޚަބަރު ރިޕޯޓުކުރި އެއްވެސް ނޫހަކުން ހާމަކޮށްފައެއް ނުވެ އެވެ.