ދިރާގު

ދިރާގުގެ މިދިޔަ އަހަރުގެ ސާފު ފައިދާ ބޮޑުތަނުން ދަށަށް

May 21, 2021
3

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި ކަމަށްވާ ދިރާގަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ 22.2 ޕަސެންޓް ދަށްވެއްޖެ އެވެ.

ދިރާގުން ނެރެފައިވާ މިދިޔަ އަހަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުން މުޅި ދުނިޔެ އަށް ކުރިމަތިވި ބަލިމަޑުކަމުގެ ސަބަބުން މިދިޔަ އަހަރު ކުންފުނީގެ މާލީ ހާލަތަށް ބޮޑެތި އަސަރު ތަކެއް ކޮށްފައިވެ އެވެ.

މިދިޔަ އަހަރު ކުންފުނީގެ ޖުމްލަ އާމްދަނީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 13.1 ޕަސަންޓް ދަށްވެފައިވެ އެވެ. ކުންފުނީގެ މުހިއްމު ހުރިހާ ވިޔަފާރިއަކުން ވެސް ލިބުނު އާމްދަނީ ދަށަށް ގޮސްފައިވާއިރު އާމްދަނީ އަށް އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ދުނިޔޭގެ ބޯޑަރުތައް ބަންދުކޮށް ޓޫރިޒަމު ދާއިރާއަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުންނެވެ.

މިދިޔަ އަހަރު ޓެކްސް އުނިކުރުމަށްފަހު ޖެހޭ ސާފު ފައިދާގެ ގޮތުގައި 732 މިލިއަން ރުފިޔާ ލިބިފައިވީއިރު، މިއީ 2019 ވަނަ އަހަރާ އަޅާކިޔާއިރު 22.2 ޕަސެންޓުގެ ދަށްވުމެކެވެ.

ހިއްސާގެ ފައިދާ 39.8 ޕަސެންޓް ދަށަށް

މިދިޔަ އަހަރު އެ ކުންފުނީގެ ސާފު ފައިދާ ދަށްވުމާއެކު ހިއްސާގެ ފައިދާ ވެސް ވަނީ ދަށްވެފަ އެވެ. ނަމަވެސް ހިއްސާދާރުންނަށް ފައިދާ ބަހަން އެ ކުންފުނިން ވަނީ ފާސްކޮށްފަ އެވެ.

މޯލްޑިވްސް ސްޓޮކް އެކްޗޭންޖުގެ "ފަހިވޯޓު ޕޯޓަލް" މެދުވެރިކޮށް، އޮންލައިންކޮށް އިއްޔެ ބޭއްވި އަހަރީ އާއްމު ޖަލްސާގައި މިދިޔަ އަހަރު ދިރާގަށް ލިބުނު ފައިދާ އިން 7.32ރ. ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ބަހަން ވަނީ ނިންމާފަ އެވެ.

ދިރާގުގެ 32 ވަނަ އަހަރީ އާންމު ޖަލްސާގައި 46 ހިއްސާދާރުންނާއެކު 717,373,704 ހިއްސާ ތަމްސީލުކޮށް، ހުށަހަޅާފައިވާ ރިޒޮލިއުޝަންތައް ފުރިހަމަ އަޣްލަބިއްޔަތުން ފާސްކޮށްފައިވެ އެވެ.

ދިރާގަކީ ކޮންމެ އަހަރަކު ވެސް އިންޓަރިމް ޑިވިޑެންޓް ނުވަތަ އަހަރުގެ މެދުތެރެއިން ވެސް ފައިދާ ބަހާ ކުންފުންޏެކެވެ. މިދިޔަ އަހަރު ވެސް ޑިވިޑެންޑް ބަހާފައިވެ އެވެ.

އެ ކުންފުނީގެ މިދިޔަ އަހަރުގެ ޑިވިޑެންޑް ބިނާވެގެން ވަނީ 32 ވަނަ އޭޖީއެމް އަށް ބޯޑުން ހުށަހަޅާފައިވާ ފައިދާ އިން ހިއްސާ އަކަށް 5.16 ރުފިޔާގެ ފައިނަލް ޑިވިޑެންޑަކާއި މިދިޔަ އަހަރުގެ ކުރީކޮޅު އިއުލާން ކޮށްފައިވައި ހިއްސާ އަކަށް 2.07 ރުފިޔާގެ އިންޓެރިމް ޑިވިޑެންޑް ހިމެނޭ ގޮތަށެވެ. އެހެންވެ މިދިޔަ އަހަރުގެ ޑިވިޑެންޑަކީ 2019 ވަނަ އަހަރާއި އަޅާކިޔާއިރު ހިއްސާއަކަށް 4.77 ރުފިޔާ އެވެ. އެހެންވެ މިއީ 2019 ވަނަ އަހަރު ހިއްސާއަކަށް ޖެހުނު 12ރ. އާ އަޅާބަލާއިރު 39.8 ޕަސެންޓުގެ މަދު އަދަދެކެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ ނެޓްވޯކާއި، ފޯރުކޮށްދޭ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ހިސާބަކަށް ފުޅާކޮށް، ހިދުމަތް ތަކުން ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދިނުމަށް ކުރާ ތަސައްވަރު ކާމިޔާބުކުރުމަށްޓަކައި ކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓްމަންޓްތަކުގެ ސަބަބުން މިހާލަތުގައި ދިވެހި މުޖުތަމައަށާއި ވިޔަފާރިތަކަށް ދިމާވި ގޮންޖެހުންތަކާ ކުރިމަތިލާން އެހީއަކަށްވި ކަމަށެވެ. އަދި ކޮވިޑް19 ގެ ބަލިމަޑުކަމުގެ އެންމެ ނުރައްކާތެރި ދަނޑިވަޅުގައި އެންމެ އިސްކަމެއް ދީފައިވަނީ އެ ކުންފުނީގެ މުވައްޒަފުންގެ ސިއްހަތާއި ރައްކާތެރިކަމަށާއި ވިޔަފާރި ދެމެހެއްޓުމާއި އަދި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކާއި ގުޅުންތަކަށް އެއްވެސް ހިދުމަތެއް މެދުކެނޑުމެއްނެތި ފޯރުކޮށް ދިނުމަށް ކަމަށެވެ.

ދިރާގަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަކޮށް ޑިޖިޓަލް ހިދުމަތްތަކުން ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކުންފުންޏެެވެ. އަދި ހަމަ އެހެންމެ، ދިރާގުން އަބަދު ވެސް މަސައްކަތް ކުރަނީ ދިވެހި މުޖުތަމައު ބާރުވެރިކުރުވާ، ޑިޖިޓަލް ފަރަގު ކުޑަ ކުރެވޭނެ ގޮތްތައް ހޯދައި ދެނެގަތުމަށެވެ.