ގެވެށި އަނިޔާގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އޭނާ މަގުއްރިރުކަން ކުރައްވާ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން އިސްތިއުފާ ދެއްވައިފި އެވެ.
މިދިިޔަ އަންގާރަ ދުވަހުގެ ރޭ ގެވެށި އަނިޔާގެ އަމަލެއް ހިންގި ކަމަށް ބުނެ އޭނާގެ ކުރީގެ އަންހެނުން އަދި ނާއިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ އަސްރާ ނަސީމް (އަސޫ) ވަނީ ފުލުހުންނަށް ބަޔާނެއް ދީފަ އެވެ. އަނިޔާތަކާ ގުޅިގެން އަސޫއަށް ވަނީ އައިޖީއެމްއެޗްގައި ފަރުވާ ވެސް ދީފައި ވެއެވެ.
އެ ތުހުމަތުތަކާ ގުޅިގެން އީސަ އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަމުން ވަކިކުރަން މަސައްކަތް ފަށާފައިވަނިކޮށް އީސަ މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުގައްރިރު ކަމުން އިސްތިއުފާ ދެއްވާ ކަމަށެވެ. އީސަ ނެރުއްވި ބަޔާނުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް މިވަގުތު ތަހުގީގު ކުރެވެމުންދާތީ ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް އެންމެ ފުރިހަމަ ގޮތުގައި އެއްބާރުލުން ދިނުމަށް މިއަދުން ފެށިގެން މަޖިލީހުގެ އިޖްތިމާއީ މުގައްރިރު ކަމުން އިސްތިއުފާ ދެއްވާ ކަމަށެވެ.
ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައިނުވާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
"ދިވެހި ފުލުހުންނާމެދު އަޅުގަނޑުގެ އިތުބާރު އޮތް ވާހަކަ އާއި ދައުލަތުގެ މުއައްސަސާތަކަށް އަބަދުވެސް އެއްބާރުލުންދޭނެ ވާހަކަ މި ފުރުސަތުގައިވެސް ދަންނަވަން،" އީސަގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އީސައަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލާގައި އޭނާ ހައްޔަރުކުރުމަށް ބޭނުންވާ ކޯޓު އަމުރު ހޯދުމަށް ކްރިމިނަލް ކޯޓަށް ވަނީ ހުށައަޅާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރަންވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށް ވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށް ކަމަށެވެ. މިފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހުގީގު ކުރާ ފަރާތުން ޕްރޮސެކިއުޓާ ޖެނަރަލަށް ހުށަހެޅުމުން ޕްރޮސެކިއުޓާ ޖެނަރަލަށް ފެނިއްޖެނަމަ އޭނާ ކަމަށެވެ.
އެ މާއްދާގެ (ށ)ގައި ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން ނުވަތަ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެންބަރަކު ހައްޔަރުކޮށްފިނަމަ ހައްޔަރުކުރި ފަރާތުން ލަސްނުކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެކަން ލިޔުމަކުން އަންގަންވާނެ ކަމަށެވެ.
އިމްތިޔާޒު ގާނޫނުގައިވާ ގޮތުގެ މަތިން އީސަ ހައްޔަރުކުރުމުގެ އަމުރު ހޯދަން ފުލުހުންގެ އިދާރާއިން ޕީޖީ އޮފީހަށް ހުށަހެޅުމުން ޕީޖީ މިހާރު ވަނީ އެ އަމުރު ހޯދުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ.
އީސާ ހައްޔަރުކުރުމުގެ އަމުރަކަށް ފުލުހުންގެ އިދާރާއިން ޕީޖީގައި އެދުނު ނަމަވެސް މިމައްސަލާގައި ފުލުހުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. އެކަމަކު މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ މެންބަރު އީސައާއި ގުޅޭ ގެވެށި އަނިޔާގެ މައްސަލައެއް ހުށަހެޅިފައިވާތީ ފުލުހުން އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
ބަޝީރު ވިދާޅުވީ އީސައާ ދެކޮޅަށް ފިޔަވަޅު އެޅުމަށްޓަކައި ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. އޭގެފަހުގައި ފުލުހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ. ތަހުގީގު ހިނގަމުންދާ މައްސަލަ އަކަށް ވާތީ އިތުރު މައުލޫމާތެއް އޭނާ ހިއްސާކުރައްވާފައެއް ނުވެ އެވެ.