ބިއްލޫރިޖެހިގެ ގޯތިތެރޭގައި ޕާކިން ޒޯނެއް ހަދައިފި އެވެ.
މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބިއްލޫރިޖެހިގެ ގޯތިތެރޭގައި ޕޭކްކޮށް -- ގާތުރައިގެން -- ޕާކިން ޒޯނެއް ހެދުމުގެ މަަސައްކަތް ކުރަމުންދާ ކަމަށާ އެ މަސައްކަތް މިރޭ ނިމޭނެ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު ދައުރުފެށި މާލެ ސިޓީ ކައުންސިލުން ވަނީ ރައްޔިތުންނަށް އެ ކައުންސިލުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ. މާލެ ސިޓީގައި ޕާކުކުރާނެ ތަންތަން ހެދިފައި ނެތުމަކީ ބޮޑު މައްސަލައެކެވެ. ނިމިގެންދިޔަ ކައުންސިލުންވެސް ވަނީ އެ މައްސަލަ ހައްލު ކުރުމަށް ގިނަ މަަސައްކަތްތަކެއް ކޮށްފައެވެ.
އާ ދައުރުގެ ފުރަތަމަ ބައްދަލްވުމުގައި ކައުންސިލުން ވަނީ ގިނަ ކަންތައްތަކެއް ކުރުމަށް ނިންމާފައެވެ. އެ ގޮތުން މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅުގައި ގާއިމު ކުރުމަށް މި ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕޯޓް މަޝްރޫއު ހުއްޓާލަން ރައީސަށް ހުށައެޅުމަށް ތިން ޕާޓީއެއްގެ ކައުންސިލަރުން ހިމެނޭ މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.
މުއިއްޒު ވިދާޅުވީ މާލޭ ސިޓީގެ ރައްޔިތުން އެދޭ ގޮތަށް ގުޅިފަޅަކީ ގެދޮރުވެރިކަމުގެ މަންޒިލަކަށް ހަދަން ރައީސަށް ހުށަހަޅުއްވަން ކުރަންޖެހޭ މަސައްކަތް ކުރާނެ ކަމަށާއި ރައީސްގެ އެޕޮއިންޓްމެންޓެއް ލިބުނުހާ އަވަހަކަށް އެ ނިންމުން ހުށައަޅުއް ވާނެ ކަމަށެވެ.
މުއިއްޒު ވަނީ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ތައްޔާރު ކުރައްވާ ކައުންސިލަރުންނާ ހިއްސާ ކުރައްވާފަ އެވެ.
މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ ރަސްމީ ފުރަތަމަ އާންމު ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން މުއިއްޒުގެ އެކްޝަން ޕްލޭން ވަނީ ފާސް ކޮށްފަ އެވެ.