ދުނިޔެ

ހަމާސްއާ މަޝްވަރާނުކޮށް ސުލްހަ ގާއިމުނުކުރެވޭނެ: މާކެލް

ފަލަސްތީންގެ ހަމާސްއާ ނުސީދާކޮށް މަޝްވާކުރުމަށް ޖަރުމަންގެ ޗާންސެލާ އެންޖެލާ މާކެލް ލަފާދެއްވައިފި އެވެ.

އެކަމަނާ ވިދާޅުވީ ހަމާސްއާ ވާހަކަދައިގެން ނޫން ގޮތަކަށް މަޝްރަހު ފިނިކުރެވެން ނެތް ކަމަށެވެ. އަދި ވިދާޅުވީ ހަމާސް ކޮންޓްރޯލްކުރާ ހަނގުރާވަމެރި ގުރޫޕްތަކުން އިޒްރޭލަށް ހަމަލާ ނުދޭނީ ވެސް ހަމާސްގެ ބައިވެރިވުން އޮވެގެން ކަމަށެވެ.

"ހަމާސްއާ މަޝްވަރާކުރަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެން. މިއީ އަޅުގަނޑަށް ފެންނަ ގޮތް،" މާކެލް ވިދާޅުވި އެވެ.

ޗާންސެލާ ވިދާޅުވީ ހަމަލާތައް ހުއްޓާލަން ހަމާސް ޝަރުތުކުރާ ކަންތައްތަކެއް ވެސް ހުންނާނެ ކަމަށާއި މަޝްވަރާކޮށްގެން މެނުވީ އޮޅުން ނުފިލާނެ ކަމަށެވެ.

އިޒްރޭލުން ފަލަސްތީންގެ ޣައްޒާގައި ހިންގި އަނިޔާވެރި އަމަލުތަކުގައި ޖަރުމަން މީގެ ކުރިން އޮތީ އިޒްރޭލާ އެއްކޮޅަށެވެ. ސަބަބެއް ކަމަށް ބުނީ ޔަހޫދީންނަށް ނާޒީން ދިން އަނިޔާތަކަށް ހަމްދަރުދީވުން ކަމަށާއި އިޒްރޭލުގެ ސަލާމަތައް ޒިންމާވުމަކީ ޖަރުމަންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށް ހަމާސްގެ ބައިވެރިވުން ޖަރުމަނަށް މިހާރު މުހިއްމުވެފައިވީ ނަމަވެސް ހަމާސްއާ ސީދާ މަޝްވަރާ ކުރުމަކީ އަދި ވެސް ޖަރުމަނަށް ފެންނަ ގޮތެއް ނޫނެވެ. ޖަރުމަނުން ބޭނުންވަނީ ހަމާސްއާ ވާހަކަ ދެއްކޭ ވަރުގެ މެދުވެރިޔަކު ބައިވެރިކުރުމެވެ.

މާކެލް ވިދާޅުވީ މިސްރާއި ފްރާންސް އަދި އެކުވެރި އަރަބި ގައުމުތަކުން ވެސް ހަމާސްއާ ވާހަކަދައްކަމުން އަންނަ ކަމަށާއި ވިސްނުމަކީ މިގައުމުތަކަށް އެހީތެރިވުން ކަމަށެވެ. ޖަރުމަންގެ ބައިވެރިންވުން ކަށަވަރުކޮށްދިނުން ކަމަށެވެ.

އިޒްރޭލުން ޣައްޒާއަށް ދިން މިސައިލް ހަމަލާތަކުުގައި 232 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 65 ކުދިން އަދި 39 އަންހެނުން ހިމެނެ އެވެ. މެއި 10 އަކުން ފެށިގެން ހަމަލާތައް ކުރިއަށް ގެންދިޔައިރު އެކިވަރުގެ އަނިޔާ 1،700 އަށް ވުރެ ގިނަ މީހުންނަށް ލިބިފައިވާ ކަމަށް ފަލަސްތީންގެ އިދާރާތަކުން ބުނެ އެވެ.