ދުނިޔެ

ހަމާސް-އިޒްރޭލް ހަމަލާތައް ހުއްޓާލައިފި

މިސްރު މެދުވެރިވެ ކުރެވުނު މަޝްވަރާތައް ކޮޅެއްގައި ޖެހި، ހަލަމާތައް ހުއްޓާލަން ހަމާސްއާ އިޒްރޭލުން އެއްބަސްވެއްޖެ އެވެ.

ހަމަލާތައް ހުއްޓާލާފައި ވަނީ ދިވެހިރާއްޖޭގެ ގަޑިން ރޭ ފަތިހު ހަތަރެއް ޖެހިއިރު އެވެ.

އިލްރޭލުގެ ސެކިއުރިޓީ ކެބިނެޓުން ވެސް ވަނީ ހަމަލާތައް ހުއްޓާލަން ތާއީދުކޮށްފަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ހަމާސްއިން ވެސް ޝަރުތުތައް ގަބޫލުކޮށް ހަމަލާތައް ހުއްޓާލާނެ އެވެ.

ހަމާސްގެ ތަރުޖަމާން ސާމީ އަބޫ ޒުހުރީ ވެސް ވަނީ މިސްރުން ހުށަހެޅި ޑީލް ގަބޫލްކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް އެޑީލްގައި އޮތީ ކޮން ސިއްރެއް ކަމެއް ނޭނގެ އެވެ.

ހަމަލާތައް ހުއްޓާލަން ކުރިއާލައި ވަގުތު ކަނޑައަޅާފައި އޮތް ނަމަވެސް ވަގުތުޖެހެން މަދު މިނެޓްކޮޅަކަށް ވަންދެން ވެސް އިޒްރޭލުން ދިޔައީ ޣައްޒާއަށް ބޮންއަޅަމުންނެވެ.

މިސްރު މެދުވެރިވެ ވާހަކަތައް ދެކެވެމުން ދިޔައިރު އިޒްރޭލާއި ހަމާސް ވެސް އޮތީ ހާލަތު ނުބައިއަތަކަށް ފުރޮޅިގެން ހިނގައިދާނެ ކަމަށް ސިހިސިހި އެވެ.

އިޒްރޭލުން ހަމަލާތައް ހުއްޓާލަން އެއްަބަސްވުމަކީ ހަގީގަތުގައި އެމީހުންނަށް ލިބުނު ދެރައެކެވެ. އަދި ބޮޑު ލަދުވެތި ކަމެކެވެ. އިޒްރޭލަށް ވުރެ ގަދަފަދަ ބަޔަކު ނެތްކަމަށް ފެށި ހަމަލާތަކުގައި ހާސިލްކުރަން ބޭނުންވި ކާމިޔާބު ލޮލުކޮޅަށް ނުފެންނަނީސް އަމާންދިނުމަކީ ވަރަށް ބޮޑު ވެއްޓުމެކެވެ.

ޣައްޒާއިން ފޮނުވާ ދެރަވަރުގެ ރޮކެޓްތައް ބޮޑު މުސީބާތަކަށްވެ މިސައިލް ހަމަލާތަކުން ދިފާއުވުމަށް އިޒްރޭލުގައި ބަހައްޓާފައި ހުރި އަޔަށް ޑޯމް ޑިވެންސް ސިސްޓަމަށް ވެސް ވަނީ ނުތަކާފަ އެވެ.

ރޮކެޓް ހަމަލާތަކުގެ ސަބަބުން އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާދަަށް ވެސް ކަމެއްނުކުރެވޭކަން މިހާރު އެވަނީ ސާބިތުވެފަ އެވެ. އެހެނީ ޒަމާން ފެށުނީއްސުރެ ވަށައިގެން ތަޅުލާފައި އޮތް ޣާއްޒާއަށް ރޮކެޓް އުފައްދަން ބޭނުންކުރާ ސާމާނު ވައްދާ ގޮތެއް ނުވަތަ ރޮކެޓް އުފައްދާ ގޮތެއް ވަނީ ދެނެނުގަނެވިފަ އެވެ. އަނެއްކޮޅުން މެދުނުކެނޑި ހަމާލާދޭތާ 11 ދުވަސްވީ އިރުވެސް ޣައްޒާއިން ރޮކެޓް ހުހެއްނުވި އެވެ.

އިޒްރޭލުން ހަމަލާތައް ހުއްޓާލަން އެއްބަސްވުމުން މޭފުއްޕާފައި ތިބި ޔަހޫދީން ވަނީ ޝޮކްޖެހި ލަދުގަނެފަ އެވެ. އެމީހުން ބުނާ ގޮތުން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް މިފަހަރު އެއްވެސް ކަމެއްނުވި އެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ މިސައިލް ހަމަލާތަކުުގައި 232 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 65 ކުދިން އަދި 39 އަންހެނުން ހިމެނެ އެވެ. މެއި 10 އަކުން ފެށިގެން ހަމަލާތައް ބަދަލުކުރަމުން ގެންދާއިރު އެކިވަރުގެ އަނިޔާ 1،700 އަށް ވުރެ ގިނަ މީހުންނަށް ލިބިފައިވާ ކަމަށް ފަލަސްތީންގެ އިދާރާތަކުން ބުނެ އެވެ.

ޣައްޒާއިން އިޒްރޭލަށް ދިން ރޮކެޓް ހަމަލާތަކުގައި 12 މީހުން މަރުވެ އިމާރާތްތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވެ އެވެ. ޣައްޒާއިން ފޮނުވާ ރޮކެޓްތައް އަމާޒަށް ވާސިލްވުމުގެ ކުރިން އަޔަން ޑޯމުން ގިނަ ރޮކެޓްތައް ނައްތާލި ނަމަވެސް، ރޮކެޓްތައް މަތަކުރަން ކުރަންޖެހޭ ހޭދަ ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.