ލައިފްސްޓައިލް

ނޫސްވެރިޔާގެ މަކަރުން އިންޓަވިއު ނުހޯދިނަމަ މަންމައަށް މުސީބާތްތައް ކުރިމަތިނުވީސް: ވިލިއަމް

ޕްރިންސަސް ޑަޔާނާގެ ހަޔާތުގައި އެކަމަނާއަށް ތަޖުރިބާކުރަން ޖެހުނު ހިތްދަތި ކަންތައް ތަކަކީ ބީބީސީގެ ނޫސްވެރިޔަކު އެކަމަނާއަށް މަކަރާއި އޮޅުވާލައިގެން ހޯދި އިންޓަވިއުއެއްގެ ސަބަބުން ދިމާވި ކަންތައްތަކެއް ކަމަށް އެކަމަނާގެ ދޮށީ ފިރިހެން ދަރިފުޅު އަދި އިނގިރޭސި ތަޚުތާ ދެވަނަ އެންމެ ކައިރި ޕްރިންސް ވިލިއަމް ވިދާޅުވެއްޖެ އެވެ.

ވިލިއަމް ތުހުމަތު ކުރެއްވި ގޮތުގައި ޕްރިންސަސް ޑަޔާނާ އާއި ޕްރިންސް ޗާލްސްގެ ގުޅުން ވިހަވީ ބީބީސީގެ ނޫސްވެރިޔަކު އެކަމަނާއަށް އޮޅުވާލައިގެން 1995 ގައި ހޯދި އިންޓަވިއު އެއްގެ ސަބަބުންނެވެ.

ވިލިއަމްގެ މި ހައިރާން ކުރުވަނިވި ވާހަކަފުޅުތައް އައިސްފައި މިވަނީ މިކަމާ ގުޅޭގޮތުން ބީބީސީން ކުރި ތަހުގީގަކުން އެ ނެޓްވޯކްގެ ޖާނަލިސްޓު މާޓިން ބަޝީރު ހަގީގަތުގައި ވެސް ޑަޔާނާއަށް އޮޅުވާލިކަން ސާބިތު ވުމާ ގުޅިގެންނެވެ.

އެތައް އެވޯޑެއް ލިބުނު މި އިންޓަވިއު އަކީ އެ ދުވަސްވަރު މާ މޮޅު އެއްޗަކަށް ވެގެން އުޅުނަސް ހަގީގަތުގައި މި އިންޓަވިއު ބަޝީރު ހޯދީ ދޮގާއި މަކަރުން ކަމަށް ޚުދް އޭނާ ވެސް ވަނީ އެއްބަސްވެފަ އެވެ.

ބަޝީރު ވަނީ ފޭކް ބޭންކް ސްޓޭޓްމަންޓްތަކެއް ތައްޔާރުކޮށް އެ އެއްޗެތި ޑަޔާނާގެ ބޭބެއަށް ދައްކައިގެން އިނގިރޭސި ޝާހީ އާއިލާއިން ޑަޔާނާއަށް ފާރަލާ ކަމަށާއި ފާރަވެރިންގެ ގޮތުގައި ގެންގުޅޭ މީހުންނަށް ފައިސާ ބަހާ ކަމަށް ބުނެ އޮޅުވާލާފަ އެވެ.

ބަޝީރުއަށް އިންޓަވިއު ދޭން ޑަޔާނާގެ ބޭބެ، ޑަޔާނާ ލައްވާ އެއްބަސް ކުރުވީ މި ބޭންކް ސްޓޭޓްމަންޓްތައް ފެނިގެން ހަގީގަތުގައި ވެސް ޝާހީ ގަނޑުވަރުން އެކަމަނާއާ ދެކޮޅު ކަމަށް ވިސްނައިދީގެންނެވެ.

މި އިންޓަވިއުގައި ޑަޔާނާ ވަނީ އެ ކަމަނާގެ ކައިވެނި ފެއިލްވެފައިވާ ކަމަށް ފުރަތަމަ ފަހަރަށް އާއްމު މީޑިއާގައި ވިދާޅުވެފަ އެވެ. އަދި ޗާލްސް އާއި އެކަމަނާގެ ކައިވެނީގައި ޖެހިފައިވާ މައްސަލަތަކުގެ ތަފްސީލުތައް އެކަމަނާ މި އިންޓަވިއުގައި ވިދާޅުވެ ދެއްވާފައިވެ އެވެ.

މި "ޕެނޯރާމާ" އިންޓަވިއު އިނގިރޭސި ވިލާތުގެ 20 މިލިއަން މީހުން އެއްފަހަރާ ބަލައި އެ ދުވަސްވަރު ރެކޯޑް މުގުރާފައިވެ އެވެ. އަދި މި އިންޓަވިއުގައި ޚުދް ޑަޔާނާ ވެސް އެހެން މީހަކާ ލޯބީގެ ގުޅުމެއް ހިންގި ކަމަށް އެއްބަސްވެ ވަޑައިގަތުމުން އިނގިރޭސި ވިލާތު ގިނަ ބަޔަކަށް ބޮޑު ޝޮކެއް ލިބިގެން ދިޔަ އެވެ.

މި އިންޓަވިއުގައި ޑަޔާނާ ވިދާޅުވާ އެއް ވާހަކަފުޅެއް މިއަދާ ޖެހެންދެން ވެސް ވަރަށް ގިނަ ބަޔަކު ހަނދާން ހުރެ އެވެ. އެއީ އެކަމަނާގެ ކައިވެނި ނާކާމިޔާބުވީ އެ ކައިވެނީގައި ތިން މީހަކު ޝާމިލު ވާތީ ކަމަށް ވިދާޅުވި ވާހަކަފުޅެވެ. އެކަމަނާ ތިން ވަނަ މީހެއް ކަމަށް ވިދާޅުވީ ޗާލްސްގެ އޭރުގެ ސިއްރު ލޯބިވެރިޔާ ކެމިލާ ޕާކާ ބޯލްސްގެ ވާހަކަ އެވެ.

މި އިންޓަވިއު އަށްފަހު ޝާހީ ގަނޑުވަރާއި ޑަޔާނާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. އަދި ޑަޔާނާ ވަރިކުރައްވަން ޕްރިންސް ޗާލްސް ނިންމެވީ ވެސް މި އިންޓަވިއު އަށް ފަހުގަ އެވެ.

އުމުރުފުޅުން 36 އަހަރުގައި ޑަޔާނާ ކާރު އެކްސިޑެންޓެއްގައި އަވަހާރަވީ 1997 ގައެވެ.

ވިލިއަމްސް 38، ވިދާޅުވެފައިވާ ގޮތުގައި ޑަޔާނާގެ އިންޓަވިއުގައި އެކަމަނާ ދެއްކެވި ވާހަކަފުޅުތައް ދެއްކެވެން މެދުވެރިވީ ބީބީސީ ރިޕޯޓަރު އެކަމަނާ އަށް އޮޅުވާލައި މަކަރު ހެދުމުގެ ސަބަބުންނެވެ.

ވިލިއަމް ވިދާޅުވި ގޮތުގައި މައިންބަފައިންގެ ކައިވެނީގައި ޖެހިފައިވާ މައްސަލަތައް އިތުރަށް ގޯސްވެ ވަރިއާ ހަމަޔަށް ދިޔައީ އަދި މީގެ ސަބަބުން އެތައް ބަޔަކަށް ހިތާމައާއި ހިތްދަތިކަން ލިބުނީ މި އިންޓަވިއު ކުރި ނޫސްވެރިޔާގެ ސަބަބުންނެވެ.

ބަޝީރު، ޑަޔާނާއަށް އޮޅުވާލައިގެން އިންޓަވިއު ހޯދި މައްސަލަ ބީބީސީން ވަނީ ތަހުގީގުކޮށްފަ އެވެ. މި ތަހުގީގުގައި އިސްކޮށް މަސައްކަތްކުރީ ކުރީގެ ސީނިއާ ޖަޖެއް ކަމަށްވާ ޖޯން ޑޭސަން އެވެ. މި ތަހުގީގު ފެށުނި މިދިޔަ ނޮވެމްބަރު މަހު ޑަޔާނާގެ ބޭބެ ސްޕެންސާ ވިދާޅުވި ވިދާޅުވުމަކާ ގުޅިގެންނެވެ. ސްޕެންސާ ވިދާޅުވީ ޑަޔާނާއަށް ބަޝީރު ތައާރަފްކޮށްދިނީ އޭނާ ކަމަށާއި އެކަން ކުރެވުނީ ބަޝީރު މަކަރު ހަދައިގެން ދެއްކި ދޮގު ވާހަކަ ތަކަކަށް ހެއްލިގެން ކަމަށެވެ.

ޑޭސަންގެ ތަހުގީގު ރިޕޯޓު މިހާރު ހާމަކޮށްފައިވާއިރު މި ރިޕޯޓުގައި ބުނެފައިވަނީ އެ ޒަމާނުގައި މާބޮޑު މަޝްހޫރުކަމެއް ނުލިބޭ ނޫސްވެރިއެއްގެ ގޮތުގައި ހުރި ބަޝީރު ސްޕެންސާ އަށް ފޭކް ބޭންކް ޑޮކިއުމަންޓް ތަކެއް ދައްކައި ޝާހީ އާއިލާއިން ޑަޔާނާއަށް ފާރަލާކަމަށް ބުނެ ދޮގު ހެދި ކަމަށެވެ. އަދި ޑަޔާނާ އުޅޭ ނޫޅޭ ގޮތް ބަލައި އެކަމަނާގެ މައުލޫމާތުތައް ޝާހީ ގަނޑުވަރަށް ފޯރުކޮށްދޭން ދެ މީހަކަށް މުސާރަދީގެން ގެންގުޅެފައިވާ ކަމަށް ބަޝީރު، ސްޕެންސާ އަށް ދެންނެވި އެވެ. މިކަމާ ގުޅޭ ފޭކް ޑޮކިއުމަންޓް ތަކެއް ވެސް ދެއްކި އެވެ. ބަޝީރަށް ޑަޔާނާ ތައާރަފްކޮށްދޭން ސްޕެންސާ އެއްބަސްވީ އެ ސަބަބާ ހުރެ އެވެ. އަދި ޑަޔާނާއަށް އެ އިންޓަވިއު ދެއްވޭ ގޮތްވީ ބަޝީރު އެކަމަނާއަށް އޮޅުވާލައި ދެއްކި ވާހަކަތައް ގަބޫލުފުޅު ކުރެއްވިގެންނެވެ.

އިންޓަވއު އަށްފަހު އެކަމަނާއަށް ދިމާވި ހުރިހާ ހިތްދަތިކަމަކާއި އެކަމަނާ އަވަހާރަވާން މެދުވެރިވީ ހާދިސާގެ ޒިންމާ ވެސް އެކަމަނާގެ ދެ ދަރިކަލުން މިހާރު އަޅުވަނީ ބީބީސީ އާއި ބަޝީރުގެ ބޮލުގަ އެވެ.

މި އިންޓަވިއު ދެއްކުމަށްފަހު ވެސް ބަޝީރު އޭނާގެ މައްޗަށް ތިބި ވެރިންނަށް އިންޓަވިއުއާ ބެހޭ ގޮތުން ދޮގު ހަދަހަދައިގެން މައުލޫމާތު ދިން ކަން ވެސް މި ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި ބަޝީރު އިންޓަވިއު ހޯދީ އެފަދަ އިންޓަވިއު އެއް ހޯދަން ޖެހޭ ގޮތަށް ނޫންކަން އޭރު ބީބީސީގައި އިސްކޮށް ތިބި މީހުންނަށް އެނގުމުން ވެސް އެމީހުން ނޭނގޭ ކަމަށް ހަދާފައި އިންޓަވިއު ދެއްކީ ކަމަށް މި ތަހުގީގު ރިޕޯޓުގައިވެ އެވެ.

ބީބީސީން ވަނީ މިކަމަށް ބަކިންހަމް ޕެލަސް އާއި ޑަޔާނާގެ ބޭބެ އަދި ދަރިންގެ ކިބައިން މައާފަށް އެދިފަ އެވެ. އަދި ބަޝީރު ވެސް ވަނީ މިކަމަށް މައާފަށް އެދި ފޭކް ޑޮކިއުމަންޓްތަކެއް ޑަޔާނާގެ ބޭބެއަށް ދެއްކި ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް ޑަޔާނާ މިފަދަ އިންޓަވިއު އެއް ދެއްވީ އޭނާ ދެއްކި ޑޮކިއުމަންޓް ތަކުގެ ސަބަބުން ކަމަކަށް އަދިވެސް ބަޝީރު އެއްބަހެއް ނުވެ އެވެ.

ވިލިއަމް ވިދާޅުވި ގޮތުގައި 1995 ގައި މި އިންޓަވިއު ދެއްކުމާ ގުޅިގެން ވެސް އިންޓަވިއު ނަގާފައިވާ ގޮތާ މެދު ކަންބޮޑުވުންތަކެއް އުފެދުނު ކަމަށާއި އެއާ ގުޅިގެން ބީބީސީން ވަގުތުން ފުރިހަމަ ތަހުގީގެއް ކުރަން ޖެހޭނެކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ރިޕޯޓަރު އެކަންޏެއް ނޫން ބީބީސީން ވެސް ވަނީ ޑަޔާނާއަށް މަކަރު ހަދައި އޮޅުވާލައިފައި. މި އިންޓަވިއު ހޯދި ގޮތާ މެދު އޭރު ބީބީސީގެ ވެރިންނަށް ތިބި މީހުންނަށް ވެސް ޝައްކުތައް ކުރެވުނަސް ރިޕޯޓަރާ ސުވާލުތައް ކުރިމަތިކުރުމުގެ ބަދަލުގައި އެމީހުން ވެސް ނޭނގޭ ކަމަށް ހަދާލަފައި އިންޓަވިއު ދެއްކީ،" ވިލިއަމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.