ބޮލީވުޑް

ތިން ލޯބި ވެސް ނާކާމިޔާބުވެ 50 އަހަރުގައި ތައްބޫ ހުސްހަށިބަޔަށް

ތަބައްސުމް ފާތިމާ ހާޝިމީ ނުވަތަ ތައްބޫ އަކީ ރީތި ބަތަލާ އެކެވެ. އުމުރުން 50 އަހަރުވީއިރުވެސް އޭނާގެ މޫނުމަތިންނާއި ހަށިގަނޑުން އެހާ ދުވަސް ވެފައި ހުރި ކަމަކަށް ނުދައްކަ އެވެ.

ބަތަލާ ޝަބާނާ އަޒުމީ އަށް ބޮޑުދައިތަ ކިޔާ ތައްބޫ ވަރަށް ކުޑައިރު ފިލްމު ކުޅެން ފަށައިފި އެވެ. އެގޮތުން އޭނާ ވަނީ 1985 ގައި "ހަމް ނޯޖަވާން"ގައި ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި ބައިވެރިވެފަ އެވެ.

ތައްބޫ އަކީ ވަރަށް ހުނަރުވެރި ބަތަލާ އެއް ކަމަށް ހިންދީ ފިލްމަށް ލޯބިކުރާ އެންމެން ވެސް އެއްބަސްވެ އެވެ. މިހާ ހުނަރުވެރި އަދި ރީތި ބަތަލާއަކު 50 އަހަރުވީ އިރުވެސް ކައިވެންޏެއް ނުކޮށް ހުރީ ކީއްވެ ބާއެވެ؟

ތައްބޫގެ ހަޔާތަށް ވަރަށް މަޝްހޫރު ތިން މީހަކު އައެވެ. އެ ތިން މީހުންނާ ވެސް ލޯބިވެގެން އެތައް އަހަރެން އޭނާ ހޭދަކުރި އެވެ. ނަމަވެސް އެއްވެސް ލޯތްބެއް ކައިވެންޏާ ހަމައަކަށް ނުދިޔަ އެވެ. ވަކި ހިސާބަކުން ކޮންމެ ލޯތްބަކަށް ވެސް ވަނީ ނިމުން އައިސްފަ އެވެ.

ތައްބޫގެ ފުރަތަމަ ލޯބިވެރިޔަކީ ބަތަލާއެއްގެ ގޮތުގައި އޭނާ ތައާރަފްވީ ފިލްމު "ޕްރޭމް"ގެ ބަތަލު ސަންޖޭ ކަޕޫރެވެ. މިއީ ސަންޖޭ ވެސް ތައާރަފްވީ ފިލްމެވެ. ފިލްމުގެ ޝޫޓިން ފެށުމާއެކު ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދުނެވެ. ނަމަވެސް ފިލްމުގެ ޝޫޓިން ނިމުނުއިރު ދެ މީހުން ރުޅިވެ އެކަކު އަނެކަކާ ވާހަކަ ވެސް ނުދައްކާ މިންވަރަށް ގުޅުން އޮތީ ގޯސް ވެފަ އެވެ. މި ދެ މީހުންގެ ލޯބީގައި ޖެހުނީ ކޮން މައްސަލައެއް ކަމެއް އެކަކަށް ވެސް ނޭނގެ އެވެ.

ޚުދް ސަންޖޭ ޓައިމްސް އޮފް އިންޑިއާ އަށް އެ ދުވަސްވަރު ދިން އިންޓަވިއު އެއްގައި "ޕްރޭމް" ކުޅުނު ދުވަސްވަރު އޭނާ އާއި ތައްބޫގެ މެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނެފައިވެ އެވެ. އަދި މާ ގިނަ ދުވަހެއް ނުވެ އެ ލޯތްބަށް ނިމުން އައިސް އެކަކު އަނެކަކާ ވާހަކަ ނުދައްކާ ހިސާބަށް ދިޔަ ކަމަށް ސަންޖޭ ބުންޏެވެ.

ތައްބޫގެ ހަޔާތަށް ދެން އައީ ޕްރޮޑިއުސަރު-ޑައިރެކްޓަރު ސާޖިދު ނަދިއަދްވާލާ އެވެ. ތައްބޫ އަކި ސާޖިދުގެ ފުރަތަމަ އަނބިމީހާ ދިވްޔާ ބާރަތީގެ ގާތް އެކުވެރިއެކެވެ. ދިވްޔާގެ ކުއްލި މަރުން އެ ދުވަސްވަރު ސާޖިދު ހުރީ ވަރަށް ހިތާމަވެރި ހާލަތެއްގަ އެވެ. ދިވްޔާ ދުނިޔޭގައި ހުރިއިރު ތައްބޫގެ ހިތުގައި ސާޖިދަށް އެއްވެސް ކަހަލަ އިހްސާސެއް ނެތެވެ. ނަމަވެސް ދިވްޔާ މަރުވުމާ ގުޅިގެން ކުރިމަތިވި ހިތާމަތަކުގައި އެކަކު އަނެކަކަށް ހަމްދަރުދީ އާއި އަޅާލުން ދެމުން ގޮސް ދެ މީހުންނަށް ލޯބި ވެވުނީ އެވެ.

އެންމެ ކުރިން ތައްބޫ އާއި ސާޖިދު އުޅުނީ ގާތް ދެ އެކުވެރިންގެ ގޮތުގަ އެވެ. ސާޖިދު ޕްރޮޑިއުސްކޮށް ތައްބޫ ބަތަލާގެ ބައި ކުޅުނު "ޖީތު"ގެ ޝޫޓިންގެ ދުވަސްވަރު އެމީހުންގެ ލޯބީގެ މާތައް ފޮޅުނެވެ.

ސާޖިދާ އެކު ތައްބޫ ވަރަށް ގިނަ ވަގުތުތައް ހޭދަކުރި އެވެ. އަދި އުފާވެރި ކައިވެނީގެ ހަޔާތަކަށް އުންމީދު ކުރި އެވެ. ނަމަވެސް ތައްބޫއާ ކައިވެނިކުރަން ސާޖިދު ޖެހިލުންވެ ފަސް ޖެހުނެވެ. ދިވްޔާގެ ހަނދާންތަކާ އޭނާއަށް އޭރު ވެސް ވަކި ނުވެވޭތީ އެވެ.

ދިވްޔާގެ ހަނދާން ނައްތާލައި އޭނާއާއެކު އުފާވެރި ހަޔާތެއް ފަށަން ތައްބޫ ސާޖިދަށް ވަރަށް ހިތްވަރު ދިނެވެ. ނަމަވެސް ސާޖިދުގެ ފަރާތުން އެކަށީގެންވާ އިޖާބައެއް މިކަމުގައި ނުލިބި މާޔޫސްވެގެން ތައްބޫ އެންމެ ފަހުން ސައުތު އިންޑިއާ އެކްޓަރެއް ކަމަށްވާ އަކިނޭނީ ނާގްއަރުޖުނާ އާ ލޯބީގެ ގޮތުން ގުޅުނީ އެވެ. މިކަމާ ސާޖިދު އައި ރުޅިން ތައްބޫ އާ ގުޅުން ކަނޑާލީ އެވެ.

ތައްބޫއަށް އެންމެ ރަނގަޅު ފިލާވަޅެއް ލިބުނީ އޭނާގެ ހަޔާތަށް އައި ތިންވަނަ ލޯބިވެރިޔާ ނާގްއަރުޖުނާގެ ފަރާތުންނެވެ. މި ގުޅުން ވެގެން ދިޔައީ ތައްބޫއަށް ވަރަށް ގިނަ ވޭނާއި ހިތްދަތިކަން ލިބުނު ގުޅުމަކަށެވެ.

މި ގުޅުމުގައި އޮތް އެންމެ ހިތްދަތި އެއް ކަމަކަށްވީ ނާގްއަރުޖުނާއާ ތައްބޫ ލޯބީގެ ގޮތުން ގުޅުނުއިރުވެސް ނާގްއަރްޖުނާ އަކީ މީހެއްގެ ފިރިއަކަށް ވުމެވެ. ނަމަވެސް ބަރާބަރު 10 އަހަރު ދުވަހު މި ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނެވެ. އެއްވެސް މީހެއް ކައިރީގައި ދެ މީހުން ކުރެ އެކަކުވެސް މި ލޯތްބަށް އެއްބަހެއް ނުވެ އެވެ.

ކިތަންމެ ދުވަހަކު ލޯބީގެ ގޮތުން ގުޅިގެން އުޅުނަސް ނާގްއަރްޖުނާ އޭނާގެ އަންހެނުން ވަރި ނުކުރާނެ ކަމާއި ތައްބޫއާ ކައިވެނި ނުކުރާނެކަން ތައްބޫއަށް ޔަގީންވީއިރު އެ ލޯތްބަށް 10 އަހަރު ފާއިތުވެއްޖެ އެވެ. އެހިސާބުން ނާގްއަރުޖުނާއާ ވަކިވާން ތައްބޫ ގަސްތުކުރި އެވެ. އެންމެ މަޖާ ކަމަކީ އެ ދެ މީހުން ރުޅިވުމަށްފަހު ނާގްއަރްޖުނާގެ އަނބިމީހާ އާއި ތައްބޫގެ މެދުގައި ރަނގަޅު ގުޅުމެއް އުފެދުނު ކަމެވެ.

ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއު އެއްގައި ނާގްއަރްޖުނާ ބުނި ގޮތުގައި ތައްބޫ އަކީ އޭނާގެ "ރީތި އެކުވެރިއެއް"ގެ ގޮތުގައި މުޅި އުމުރަށް ވެސް ބަލާނެ ކަމަށެވެ.

ލޯބީގައި ނާކާމިޔާބުވިޔަސް ތައްބޫ އަކީ ވަރުގަދަ ޝަހްސިއްޔަތެކެވެ. ހިތްވަރުގަދަ އަންހެނެކެވެ. އެކަނިވެރި ދިރިއުޅުން ދެކެ އޭނާ ފޫއްސެއް ނުވެ އެވެ.

ތައްބޫގެ އިންޑަސްޓްރީ އެކުވެރިންގެ ތެރޭގައި ހިމެނެނީ ޑައިރެކްޓަރު-ކޯރިއޯގްރާފަރު ފަރާ ޚާން އާއި އެކްޓަރު އަޖޭ ދޭވްގަން އެވެ. ތައްބޫ ބުނި ގޮތުގައި ފަރާގެ ގޭގައި ހުންނަން އޭނާ ވަރަށް ހިތްހަމަޖެހެ އެވެ. އަދި އަޖޭ އާއި ތައްބޫ އަކީ ކުޑައިރު އެއް ހިސާބުގަނޑެއްގައި އަވަށްޓެރިންގެ ގޮތުގައި އުޅެ ބޮޑުވި ބަޔަކަށް ވާތީ ކުޑައިރުއްސުރެ އެމީހުންގެ ގާތް އެކުވެރިކަމެއް އޮވެ އެވެ.

މިހާ ދުވަސްވީއިރުވެސް އޭނާ ސިންގަލް ކޮށް ހުރުމުގެ ޒިންމާ ތައްބޫ އަޅުވަނީ އަޖޭގެ ބޮލުގަ އެވެ.

މުމްބައި މިރާ އަށް 2017 ގައި ތައްބޫ ދިން އިންޓަވިއު އެއްގައި ބުނީ އޭނާއާ ރައްޓެހިވާން މީހަކު އުޅޭކަން އެނގޭއިރަށް އަޖޭ އެމީހަކާ ހަނގާކޮށް ފަހާލާ ކަމަށެވެ. އަދި އޭނާއާ ވާހަކަ ދައްކާ ފިރިހެން ކުދިން ގައިގައި ތަޅާ އަނިޔާކޮށް ހަދާ ކަމަށެވެ.

"އަޖޭ އާއި އަހަރެންގެ ދެބެންގެ ދެ ދަރި ސަމީރުއާ ދެ މީހުންވެގެން އަހަރެން ފިރިހެން ކުއްޖަކާ ވާހަކަ ދައްކާއިރަށް އެ ކުއްޖަކު ހޭ އަރުވާލާ. އަހަރެން މިއަދާ ހަމައަށް ވެސް ހުސްހަށިބައިކޮށް ހުންނަން މި ޖެހުނީ އެމީހުންނާ ހެދި،" ތައްބޫ ޖޯކު ޖަހަމުން ބުނެފައިވެ އެވެ.