ލައިފްސްޓައިލް

މަހޭޝް އާއި މުކޭޝް ބަޓްގެ ފިލްމީ ގުޅުން ކެނޑުނު ސަބަބު

ފިލްމު އުފެއްދުމުގެ ރޮނގުގައި ބޮލީވުޑްގައި މަޝްހޫރު މީހުންގެ ތެރޭގައި ވިކްރަމް ބަޓް އާއި މަހޭޝް ބަޓް ހިމެނެ އެވެ. މި ދެބެން ގުޅިގެން ވިޝޭޝް ފިލްމްސްގެ ނަމުގައި ޕްރޮޑަކްޝަން ކުންފުންޏެއް އުފައްދައި ރީތި ގިނަ ފިލްމުތަކެއް ރިލީޒްކޮށްފައިވެ އެވެ. ނަމަވެސް ދާދިފަހުން މި ދެބެންގެ ޕްރޮފެޝަނަލް ގުޅުން ކަނޑާލާފައިވާކަން ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް ގުޅުން ކެނޑެން ދިމާވި ސަބަބެއް ނުބުނެ އެވެ.

މިއަހަރުގެ ޖެނުއަރީގައި މިކަން އިއުލާން ކޮށްފައި ވިޔަސް މިކަމާ ގުޅޭ ގޮތުން މަހޭޝް އެއްޗެކޭ ނުބުނެ އެވެ. ނަމަވެސް މުކޭޝް ބުނެފައިވަނީ ވިޝޭޝް ފިލްމުގައި އެއް އިރެއްގައި ވެސް މަހޭޝްގެ ހިއްސާއެއް ނެތް ކަމަށެވެ.

އޭނާ މަސައްކަތްކުރީ ކްރިއޭޓިވް ކޮންސަލްޓަންޓެއްގެ ގޮތުގައި ކަމަށެވެ. އަދި ފިލްމު ޑައިރެކްޓްކުރުމުގެ މަސައްކަތް މަހޭޝް ބަޓް ހުއްޓާލި ފަހުން ވެސް ވިޝޭޝް ފިލްމްސް އިން އުފެއްދި ގިނަ ފިލްމުތަކެއްގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރި ކަމަށެވެ.

މުކޭޝް ބުނި ގޮތުގައި ވިޝޭޝް ފިލްމްސްގެ ކޮންސަލްޓަންޓެއްގެ މަގާމުގައި އިތުރަށް ހުންނަން މަހޭޝް ބޭނުން ނުވެގެން އެ މަގާމުން އިސްތިއުފާ ދިނީ އެވެ. ނަމަވެސް އޭނާގެ ޚިޔާލު ފިލްމަކަށް ބޭނުންވެގެން ބުނެފިނަމަ މަހޭޝް އެކަމެއް ކޮށްދޭނެ ކަން ޔަގީން ކަމަށް މުކޭޝް ބުންޏެވެ.

މުކޭޝް ބުނި ގޮތުގައި ވިޝޭޝްގެ މިލްކިއްޔާތު ވާރުތަވާނީ އޭނާގެ ދެ ދަރިން ކަމަށްވާ ވިޝޭޝް އާއި ސާކްޝީ އަށެވެ. އަދި އެ ދެބެންގެ ވެސް ވަރަށް ރަނގަޅު ޚިޔާލުތައް ފިލްމު އުފެއްދުމާ ގުޅޭ ގޮތުން އެބަހުރި ކަމަށާއި އެ ޕްރޮޑަކްޝަން ހައުސް އެ ދެބެން ރަނގަޅަށް ހިންގާނެ ކަމަށް ޔަގީންކުރާ ކަމަށެވެ.

މަހޭޝް ބަޓްގެ ދަރިންގެ ތެރެއިން ޕޫޖާ ބަޓް ވެސް ވަނީ އޭނާގެ އަމިއްލަ ފިލްމު ކުންފުންޏެއް އުފައްދާފަ އެވެ. އަދި އާލިއާ ބަޓް ވެސް ދާދިފަހުން ވަނީ އަމިއްލަ ޕްރޮޑަކްޝަން ހައުސް އެއް އުފައްދާފަ އެވެ.

މަހޭޝް އާއި މުކޭޝްގެ ކޮއްކޮ ވިކްރަމް ބަޓް އަކީ ވެސް އަމިއްލައަށް ފިލްމު ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރާ މީހެކެވެ. ދެ ބޭބެއިން ޕްރޮފެޝަނަލް ގުޅުން ކަނޑާލުމާ ބެހޭ ގޮތުން އެއްޗެއް ބުނާކަށް ވިކްރަމް ބޭނުމެއް ނޫނެވެ.