އަލް-މަޖިސްދުލް ހަރަމްގަައި މިއަދުގެ ހުކުރު ނަމާދުގެ ހުތުބާ ކިޔަމުންދިޔަ ވަގުތު ހަތީބަށް ހަމަލާދޭން މަސައްކަތް ކޮށްފި އެވެ.
ހަރަމްފުޅުގައި މިއަދު އިމާމުވެ ހުކުރު ކުރެއްވީ ޑރ. ބަންދަރު ބުން އަބްދުލްއަޒީޒު ބަލީލާ އެވެ. ޑރ. ބަންދަރު ހުތުބާ ވިދާޅުވަމުން ގެންދަވަނިކޮށް ސަފުތައް ފަޅަމުން ދުވެފައި އައި މީހަކު ވަނީ ޑރ. ބަންދަރަށް ހަމަލާދޭން މަސައްކަތް ކޮށްފައެވެ. އެ މަަންޒަރު ފެންނަ ވީޑިއޯ ފްޓޭޖްތައް ހަރަމައިނި ޝަރީފައިންގެ ޓްވިޓާ އެކައުންޓުންވެސް ވަނީ އާންމުކޮށްފައެވެ. އިހްރާމްގައި ހުރި އެ މީހާ ހުއްޓުވާފައިވަނީ ސިފައިންނެވެ.
ހަރަމްގެ ސެކިއުރިޓީ ކަންކަން ބަލަހައްޓަނީ އެކަމަށް ހާއްސަކޮށްފައިވާ ހަރަމްގެ އަމްނާ ބެހޭ ޑިޕާޓްމަންޓުންނެވެ. ހަަރަމްގެ ސެކިއުރިޓީއަށް ހާއްސަ ސިފައިންގެ ބޮޑު ފޯސްއެއް އޮވެއެވެ.
ސައުދީގެ ކަމާބެހޭ އިދާރާތަކުން ބުނީ އެ މީހާގެ މައްސަލަ ހަރަމްގެ އަމްނާ ބެހޭ ޑިޕާޓްމަންޓުން ބަލަމުންދާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ.
ހަރަމްފުޅުގައި މިއަދު އިމާމުވެ ހުކުރު ކުރެއްވި ޑރ. ބަންދަރު ބުން އަބްދުލް އަޒީޒު ބަލީލާ ޕީއެޗްޑީ ހާސިލްކުރެއްވީ މަދީނާ ޔުނިވާސިޓީންނެވެ. ސައުދީގެ ދަންނަ ބޭކަލުންގެ މަޖިލީހަށް ޑރ. ބަންދަރު އައްޔަން ކުރައްވާފައިވަނީ ދާދި ފަހުންނެވެ.