ދުނިޔެ

ގާޒާ އަބާދު ކުރަން އެމެރިކާ އެހީތެރި ވެދޭނެ

އިޒްރޭލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ގާޒާއަށް ދިން މިސައިލް ހަމަލާތަކުގައި ބިމާ ހަމަކޮށްފައި ހުރި އިމާރާތްތައް ކޮޅަށްޖަހައި މުޅި އަވަށް އަލުން އަބާދު ކުރަން އެމެރިކާއިން އެހީތެރި ވެދޭނެ ކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.

ވައިޓް ހައުސްގެ ތަރުޖަމާން ޖެން ސާކީ ވިދާޅުވީ ގާޒާއަށް ލިބިފައި ހުރި ގެއްލުން ވަޒަން ކުރައްވާނެ ކަމަށާއި އެކަށީގެންވާ ހެޔޮ ބަދަލެއް ދެއްވާނެ ކަމަށެވެ.

ޖެން ސާކީ ވިދާޅުވީ އދ. އިން ހިންގާ އެހީ ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދެއްވާނީ ގާޒާގެ އާންމު ފަރުދުންނަށް ކަމަށާއި އިމާރާތްތައް އަލުން ކޮޅަށް ޖެހުމުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ފަރުދުންނަށް ކަަމަށެވެ.

"އެމެރިކާއިން ބަލާނެ އެމެރިކާއިން ފޯރުކޮށްދޭ އެހީތެރިކަން އާންމު ރައްޔިތުންނަށް ލިބޭތޯ،" ޖެން ސާކީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އދ. ގެ އޭޖެންސީތައް މެދުވެރި ކުރަން ޖެހެނީ އެހީތެރި ވެވެނީ ހައްގުވާ ފަރާތްތަކަށްކަން ކަށަވަރު ކުރުމަށް ކަމަށެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖެން ސާކީ ވިދާޅުވީ އިޒްރޭލަށް ވެސް އެހީތެރިވެ ދޭނެ ކަމަށާއި އެމެރިކާއިން އިޒްރޭލަށް ދޭ ސަމާލުކަން ވަކި ކުޑައެއް ނުވާނެ ކަމަށެވެ. އެކަނަމާ އަދި ވިދާޅުވީ އެމެރިކާއިން އިޒްރޭލަށް ވިއްކަން ހަމަޖައްސާފައިވާ 735 މިލިއަން ޑޮލަރުގެ ހަތިޔާރު ޝިޕްމަންޓްތައް ފޮނުވައި ދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޖެން ސާކީ ވިދާޅުވީ މަޝްރަހު މަސަލަސްވެފައި އޮތުން މުހިންމު ކަމަށާއި އިޒްރޭލް އަދި ހަމާސްއިން ވެސް ވިޔާނުދާ ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ހަމަލާ ބަދަލު ނުކުރަން ވައުދުވެ، ސާބިތުވެ ތިބުން މުހިންމު ކަމަށާއި މަސްލަހަތު ގެއްލުވާލާ ބަޔަކާ މެދު އެމެރިކާއިން ވިސްނާނެ ކަމަށެވެ.

އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކުގައި އިމާރާތްތަކާއި މަގުތައް ވަނީ ސުންނާފަތިކޮށްފަ އެވެ. ސްކޫލްތަކާއި ސިއްހީ މަރުކަޒުތައް އަދި މިސްކިތްތަކަށް ވެސް ބޮޑެތި ގެއްލުން ދީފައިވެ އެވެ. އދ. ގެ އޭޖެންސީތައް މެދުވެރިކޮށް އެމެރިކާއިން ގާޒާ އަލުން ބިނާ ކުރަން ދޭ އެހީ އެންމެ ބޮޑަށް ފޯރާނީ އާންމުންނަށް ދެވޭ ޚިދުމަތްތަކާ ގުޅުން ހުރި ދާއިރާތަކަށެވެ.