އެމްއެމްޕީއާރްސީ

ހަލާލު ޓޫރިޒަމް މާކެޓް ހޯދަން ރާއްޖެ އިސްތިހާރު ކުރަނީ

ދެކުނު އިރުމަތީ ގައުމުތަކުގައި ހަލާލް ޓޫރިޒަމް މާކެޓް ހޯދުމުގެ ގޮތުން ރާއްޖެ އިސްތިހާރު ކުރަން އެމްއެމްޕީއާރްސީން ފަށައިފި އެވެ.

ވިޒިޓް މޯލްޑިވްސް އިން ދެކުނު އިރުމަތީ ގައުމުތަކުގައި ރާއްޖެ އިސްތިހާރު ކުރަން ފަށާފައި ވަނީ ޑިޖިޓަލް ކެމްޕޭނަކުންނެވެ. އެ ކެމްޕެއިނުގައި ރާއްޖެއަކީ ދަތުރު ކުރަން އެންމެ ރައްކާތެރި މަންޒިލުގެ ގޮތުގައި އިސްތިހާރު ކުރާނެ އެވެ.

އެމްއެމްޕީއާރްސީން ބުނި ގޮތުގައި އެ ކެމްޕޭނުގެ މައިގަނޑު މަގުސަދަކީ ރާއްޖެއަކީ މުސްލިމު ފަތުރުވެރިންނަށް ޗުއްޓީ ހޭދަ ކޮށްލަން އެންމެ ފުރިހަމަ މަންޒިލުގެ ގޮތުގައި ދައްކުވައި ދިނުމެވެ.

"ހޭވް ހަލާލް، ވިލް ޓްރެވެލް" އަކީ މަހަކު ނުވަ މިލިއަނަށް ވުރެ ގިނަ މީހުން ބޭނުން ކުރަމުން އަންނަ ޕްލެޓްޕޯމެކެވެ. އެއީ ދެކުނު އޭޝިޔާގެ މުސްލިމު ޓޫރިސްޓުންގެ ތެރޭގައި އެންމެ މަގުބޫލު އެއް ޕްލެޓްފޯމެވެ. އެހެން ކަމުން މި ކެމްޕޭނުގައި މެލޭޝިޔާ އަދި ސިންގަޕޫރުގެ ވަރަށް ގިނަ ފަތުރުވެރިންނަށް ރާއްޖެ އިސްތިހާރުވެގެން ދާނެ އެވެ.

ހަލާލް ރޫރިޒަމް މާކެޓްގައި ރާއްޖެ އިސްތިހާރުކުރަން ފަށާފައިވާ މި ކެމްޕޭނުގައި، އިނގިރޭސި ބަހުންނާއި އިންޑޮނޭޝިޔާ ބަހުން ރާއްޖެ އާއި ބެހޭ އެކި އެކި މައުލުމާތު ޝާއިއު ކުރާނެ އެވެ.

ވޭތުވެ ދިޔަ އަހަރުތަކުގައި ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުން ރާއްޖެއަށް ޒިޔާރާތް ކުރާ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ކޮވިޑް-19ގެ ސަބަބުން ފަތުރުވެރިކަމަށް އެޅުނު ހުރަސްތަކާއި އެކުގައިވެސް ވިޒިޓް މޯލްޑިވްސް އިން އަންނަނީ އެ ސަރަހައްދުގެ ގައުމުތަކުގައި ރާއްޖެ އަކީ އެންމެ ރައްކާތެރި މަންޒިލުގެ ގޮތުގައި އިސްތިހާރު ކުރަމުންނެވެ.