މާފަންނުގައި ހުންނަ ބޮޑުގޭގެ އުތުރުކޮޅުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
މި މަސައްކަތް މިއަދު ފައްޓަވައިދެއްވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.
ޕާކިން ޒޯން ހެދުމަށް ބިންގަނޑު އެއްވަރުކޮށް ގާ އެތުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. މިމަސައްކަތް ކުރަނީ މިސްކިތް ބޭނުންކުރުމަށް އެއްވެސް ދަތިކަމެއް ނުވާ ގޮތަށެވެ.
މުއިއްޒު ވިދާޅުވީ ބޮޑުގޭގައި ޕާކް ކުރާނެ ތަނެއް ހެދީ އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން އެކަމަށް އެދޭތީ އެމީހުންނަށް ފަސޭހަ ކޮށްދިނުމަށް ކަމަށެވެ.
މާލޭގައި ހުސްކޮށް ހުރި ޖާގަތައް ބަލަމުންދާ ކަމަށާއި އެފަދަ ތަންތަން އާންމުންނަށް ބޭނުންކުރެވޭނެ ރަނގަޅު ގޮތަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގައިވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
މާލޭގެ މޭޔަރު ކަމާ މުއިއްޒު ހަވާލުވެވަޑައިގަތުމަށް ފަހު ކުރަންޖެހޭ ކަންކަން ތަރުތީބުކޮށް، މިވަގުތު ކޮންމެހެން ހައްލު ކުރަންޖެހޭ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާ ކަން ފާހަގަ ކުރެވެ އެވެ.
މިހާރުގެ ކައުންސިލަކީ ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރާ އަދި ނަތީޖާ ނެރެދޭނެ ކައުންސިލަކަށް ހަދާނެ ކަމަށް މުއިއްޒު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނަތީޖާ ނެރުމަށް ސަރުކާރުން އެއްބާރުލުން ދިނުމަށް ވެސް މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.