ޓޫރިޒަމް

ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑް ހުޅުވައިިފި

May 22, 2021
1

ޕަޓީނާ ހޮޓެލް އެންޑް ރިސޯޓްސް ގުރޫޕްގެ ފުރަތަމަ ރިސޯޓް "ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑް" ރިސޯޓް ހުޅުވައިފި އެވެ.

ބްރެޒިލްގެ މަޝްހޫރު ކުރެހުންތެރިޔަކު ޑިޒައިން ކޮށްފައިވާ މި ރިސޯޓް ހުޅުވާ ހިދުމަތް ދޭން ފަށާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.

ފަރި އައިލެންޑް ހަދާފައި ވަނީ ލޯންޗެއްގައި މާލެއިން ފުރައިގެން 45 މިނެޓް ދަތުރުކޮށްފައި ދެވޭ ހިސާބެއްގައި އޮންނަ "ރަށްފަޅު" ހިއްކައިގެންނެވެ.

ރިސޯޓް ހުޅުވުމާއެކު ބުކިން މިހާރު ވެސް ރަނގަޅު އަދަދަކަށް ފަތުރުވެރިން އެބަތިބި ކަމަށާއި ރަނގަޅު އަދަދަކަށް ބުކިންތައް ވެސް ލިބެމުންދާ ކަމަށް އެ ރިސޯޓުން މައުލޫމާތު ދީފައިވެ އެވެ.

ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑްގެ އިސް މަގާމުތަކަކަށް މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ދިވެހިންތަކެއް ހަމަޖައްސާފައިވެ އެވެ.

ފަރި އައިލެންޑް: ބިލިއަން ޑޮލަރުގެ މަޝްރޫއެއް

ފަރި އައިލެންޑް ތަރައްގީ ކުރުމުގެ މަޝްރޫއު ފަށާފައި ވަނީ 2017 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެ ފަޅު ޑިވެލޮޕް ކުރުމުގެ މަސައްކަތް ކުރީ 1959 ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގައި ރިއަލް އެސްޓޭޓް އަދި އިމާރާތް ކުރުމުގެ މަސައްކަތް ކުރާ މަޝްހޫރު ޕޮންޓިއާކް ލޭންޑް ކުންފުނިންނެވެ. ސިންގަޕޫރުގެ އެންމެ މަޝްހޫރު އެއް އާއިލާ ކަމަށްވާ "ކޭވީ" އާއިލާ އިން ރާއްޖޭގައި ހިންގި މި މަޝްރޫއުގެ އަގު 500 މިލިއަން ޑޮލަރަށް ވުރެ ބޮޑެވެ.

އެ ރަށުގައި އެންމެ މަތީ ފަންތީގެ ތިން ހޮޓަލެއް ނުވަތަ ރިސޯޓެއް ހުރެ އެވެ. އެ ރަށުގައި ހުޅުވަން ތައްޔާރު ވަމުންދާ މަޝްހޫރު ތިން ރިސޯޓު ބްރޭންޑަކީ ރިޒްކާލްޓަން އާއި ޕަޓީނާ އަދި ކަޕެއްލާ އެވެ. މީގެ އިތުރުން މި ރަށުގައި ހޮސްޕިޓާލިޓީ އެކެޑަމީއެއް ހަދަން ވެސް ނިންމާފައިވެ އެވެ. އަދި އެއް ފަހަރާ ސުޕަޔޮޓްގެ 20 ޔޮޓަށް ހިދުމަތްދެވޭ ވަރުގެ މެރީނާއެއް ވެސް ހަދާނެ އެވެ.

އެ ކުންފުނިން ކުރިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ ސަބަބުން 1،000 އަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ އެވެ.

ރާއްޖޭގެ ފަޅުތައް ހިއްކައިގެން ރިސޯޓު ހެދުމުގެ ބިޔަ މަޝްރޫއުތަކެއް ރައީސް ޔާމީންގެ ސަރުކާރުން ފަށާފައިވެ އެވެ. ޓޫރިޒަމް މިނިސްޓްރީން ކުރިމް ބުނެފައިވާ ގޮތުގައި ރިސޯޓު ހަދަން އޭރު 23 ފަޅެއް ވެސް ދޫކުރި އެވެ.

މީގެ ތެރެއިން ބައެއް ފަޅުތައް ހިއްކާ، އެތަންތަނުގައި ރިސޯޓް ހަދައި ހިންގަން ވެސް ވަނީ ފަށާފަ އެވެ. އެގޮތުން ހިންގަން ފަށާފައިވަނީ މާލެ ކައިރީގައިވާ އެނބޫދޫ ފަޅުގައި ހުޅުވި ކްރޮސްރޯޑް މޯލްޑިވްސް އާއި ވޮލްޑޯފް އެސްޓޯރިއާ ބްރޭންޑުގެ ރިސޯޓު ހިންގާ އިތާފުށި މޯލްޑިވްސް އެވެ.

ސަރުކާރުން ގެންދަނީ މިއަހަރު ނިމުމުގެ ކުރިން މުުޅިން އަލަށް 18 ރިސޯޓެއް ނިންމާ ހިދުމަތަށް ނެރެވޭނެ ކަމަށް ބުނަމުންނެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ.