ވިޕްލައިނާ ޚިލާފްވި މައްސަލައިގައި ހުޅު ހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު އެމްޑީޕީން ވަކިކުރަން ނިންމި ނިންމުމާ އެއްގޮތަށް އެ ޕާޓީގެ މެމްބަރުންގެ ދަފްތަރުން އޭނާގެ ނަން އުނިކޮށްފި އެވެ.
އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ފާއިޒާއި ފަނޑިޔާރު އަހުމަދު މުއުތަސިމް ފަނޑިޔާރުކަމުން ވަކިކުރަން ނެގި ވޯޓުގައި ބައިވެރިވެ ވަޑައި ނުގަނެ، އެމްޑީޕީގެ ވިޕްލައިނާ ޚިލާފްވި މައްސަލައިގައި މޫސަ ޕާޓީން ވަކިކުރަން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ނިންމި ނިންމުމަށް އެ ޕާޓީގެ އިސްތިއުނާފް މަޖިލީހުން ވެސް ރޭ ވަނީ ތާއީދުކޮށްފަ އެވެ.
އެމްޑީޕީގެ ސެކެޓްރޭޓިއަޓުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވަނީ މަޖިލީހުގެ ނައިބު ރައީސް ކަން ވެސް ކުރައްވާ މޫސަގެ ނަން އެ ޕާޓީގެ ދަފްތަރުން މިހާރު އުނިކޮށްފައިވާ ކަމަށެވެ.
ފާއިޒާއި މުއުތަސިމް ވަކިކުރަން ނެގި ވޯޓުގައި އެކަމާ ދެކޮޅަށް އެމްޑީޕީގެ ހުރިހާ މެމްބަރުން ވޯޓު ދޭން ވިޕްލައިން ނެރެފައި ވަނިކޮށް މޫސަ ވަނީ އެދުވަހުގެ ޖަލްސާއަށް ހާޒިރުވެ ވަޑައިނުގެންފަ އެވެ. މޫސަގެ އިތުރުން އިތުރު ފަސް މެމްބަރަކު ވެސް އެ ވިޕްލައިނާ ޚިލާފްވެފައިވާތީ އެ މެމްބަރުންނާ މެދު ފިޔަވަޅު އަޅާ ކޮމެޓީން ވަނީ ވަނީ އެކި ފިޔަވަޅުތައް އަޅައިފަ އެވެ. ނަމަވެސް އެއިން އެއްވެސް މެމްބަރަކު ޕާޓީން ވަކިކޮށްފައެއް ނުވެއެވެ.