ހަލާކުވެ ގާތްގަނޑަކަށް އެއްކޮށް ވެއްޓިފައިވާ ކަނޑުއޮތްގިރި އާއި ކޫއްޑޫ ބަނދަރު ހަދައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ސަރުކާރުގެ މަސް ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ދަށުން ހިންގާ މި ދެ ފެސިލިޓީގެ ބަނދަރު ހަދައިދޭން ކޮށްފައިވާ އިއުލާނުގައި ބުނީ މި މަޝްރޫ އަށް ދިވެހި ސަރުކާރުން ހަރަދު ކުރާނީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް ގެ އެހީގަ އެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ގއ. ކޫއްޑޫގައި ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 2.5 މިލިއަން ރުފިޔާ ބަހައްޓަން ޖެހެ އެވެ. އަދި މާލެ އަތޮޅުގައި މިފްކޯއިން ހިންގާ ކަނޑުއޮތް ގިރީގެ ބިޑް ސެކިއުރިޓީގެ ގޮތުގައި އެއް މިލިއަން ރުފިޔާ ބަހައްޓަން ޖެހެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުން، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ "ގައިޑްލައިން ފޯ ޕްރޮކިއުމަންޓް އޮފް ގުޑްސް އެންޑް ކޮންޓްރެކްޓިން ފޯ ދަ އެގްސެކިއުޝަން އޮފް ވޯކްސް" އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި ޕްރޮޖެކްޓުގެ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހު އެވެ.
މިފްކޯ އިން މާލެ އަތޮޅުގައި ހިންގާ ކަނޑުއޮތް ގިރީގައި މިހާރު ތައްޔާރުކުރަނީ އެ ކުންފުނީގެ "ރެޑީޓު އީޓް" ޕްރޮޑަކްޓް ތަކެވެ. މި ތަނަކީ ބޮޑު ކަންނެލި ގަނެވޭ ފެންވަރަށް ހަދާފައިވާ ތަނެއް ނަމަވެސް މިރަށުގެ ބަނދަރު އެއްކޮށް ހަލާކުވެފައި އޮތުމުން އެ މަސައްކަތެއް ނުކުރެވެ އެވެ. ނަމަވެސް މިފްކޯއިން ވަނީ މިހާރު ބަނދަރު އޮތް ފުއްޓަރު ފަރާތުގެ ބަދަލުގައި ރަށުގެ އިރުމަތި ފަރާތަށް ބަނދަރު ބަދަލު ކުރުމަށް ނިންމާފަ އެވެ.
މިފްކޯއިން ދަނީ އެ ކުންފުނީގެ ވަސީލަތްތައް ތަރައްގީ ކުރުމުގެ މަޝްރޫއެއް ހިންގަމުންނެވެ. އެގޮތުން ފެލިވަރު ފެސިލީޓީއަށް ބޮޑު ބަދަލެއް ގެނެސް ކޫއްޑޫ ވެސް ހިމެނޭ ގޮތަށް 30 މިލިއަން ޑޮލަރުގެ މަޝްރޫއެއް ވަނީ ފަށާފަ އެވެ.