އޮސްޓްރިޔާގެ ހޮސްޕިޓަލެއްގައި ވަރަށް ހިތާމަވެރި އަދި ހިނގައިގެން ނުވާނެ ފަދަ ހާދިސާއެއް ހިނގައިފި އެވެ.
މި ހާދިސާގައި ޑޮކްޓަރުންނަށް އޮޅިގެން ދުވަސްވީ ބަލި މީހެއްގެ ރަނގަޅު ފަޔެއް ވަނީ ބުރިކޮށްލާފަ އެވެ. އޮޅިގެން މިފަދަ ކަމެއް ކުރެވުނު ކަމަށް ހޮސްޕިޓަލުން ވެސް ވަނީ އެއްބަސްވެފަ އެވެ. އަދި މައާފަށް ވެސް ވަނީ އެދިފަ އެވެ.
"ފަރުވާތެރިކަމާއި ރައްކާތެރިކަމާއެކު ކަންކަން ކުރަން މިންގަނޑުތަކެއް ކަނޑައަޅާފައި އޮއްވާ މޭ 18 ވީ އަންގާރަ ދުވަހު 82 އަހަރުގެ މީހެއްގެ ބުރިކޮށްލަން ޖެހޭ ފައި ނޫން އެހެން ފައެއް ބުރިކޮށްލެވުނީތީ އަހަރެމެންނަށް ވަރަށް ބޮޑު ޝޮކެއް ވަނީ ލިބިފަ،" ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ކަމަށް ރޮއިޓާސް އިން ރިޕޯޓުކޮށްފައިވެ އެވެ.
މި ބަޔާނުގައި ބުނެފައިވާ ގޮތުގައި މިހާ ބޮޑު ކުށެއް ކުރެވިފައިވާކަން ޑޮކްޓަރުންނަށް ރޭކާލީ ވެސް މިދިޔަ ބުރާސްފަތި ދުވަހު ފުރަތަމަ ފަހަރަށް އެމީހާގެ ފައިގެ ބެންޑޭޖް ބަދަލުކުރިއިރު އެވެ.
ފައި ބުރިކޮށްލި މީހާއަކީ ވަރަށް ގިނަ ސިއްހީ މައްސަލަތައް ހުރި މީހެކެވެ. އޭނާގެ ފައި ބުރިކޮށްލަން ޖެހުނީވެސް މިފަދަ މައްސަލައެއް އިތުރަށް ގޯސްވެގެން ކަމަށް ހޮސްޕިޓަލުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި މިހާ ބޮޑު ގޯހެއް ހެދުނީ ސާޖަރީ ހަދަން ވެއްދުމުގެ ކުރިން އޮޕަރޭޝަނަށް އެމީހާ ތައްޔާރުކުރުމުގައި އުޅުނު މީހަކަށް އޮޅިގެން ނުބައި ފަޔެއްގައި އެއީ ސާޖަރީ ހަދަން ޖެހޭ ފައި ކަމަށް މާކު ކުރެވިފައި އިނީމަ އެވެ.
އެހެންވެ އޮޅިގެން ވާތު ފައިގެ ބަދަލުގައި ކަނާތު ފައި ބުރިކޮށްލެވުނީ ކަމަށާއި މިއީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ. އަދި މިކަން ހިނގާ ދިޔަ ގޮތް ތަހުގީގުކުރަމުންދާ ކަމަށްވެސް ހޮސްޕިޓަލުން ބުނެފައި ވެއެވެ.
މި ހާދިސާގައި ބަލިމީހާ އާއި އޭނާގެ އާއިލާގެ މީހުންނަށް ނަފްސާނީ ގޮތުން ލިބުނު ގެއްލުމަށް ނަފްސާނީ އެހީ ފޯރުކޮށްދެމުންދާ ކަމަށް ހޮސްޕިޓަލުގެ ބަޔާނުގައިވެ އެވެ.
އެންމެ ދެރަ ކަމަކީ ބަލިމީހާ އަނެއްކާވެސް އިތުރު ބޮޑު އޮޕަރޭޝަނެއްކޮށް އޭނާގެ ބަލި ފައި ބުރިކޮށްލަން ޖެހިފައިވާ ކަމެވެ.