ލައިފްސްޓައިލް

ބުރިކޮށްލި އަތާ ވަކި ނުވެވިފައި!

ކެނެޑާ މީހެއް ކަމަށްވާ މާކް ހޯމްގްރެން އަށް 1999 ގައި ވަރަށް ނުރައްކާތެރި އެކްސިޑެންޓަކާ ކުރިމަތިވި އެވެ. އޭނާގެ ބޭބެގެ މޮޓޯސައިކަލެއްގައި މާކް ދަނިކޮށް ހިނގި އެކްސިޑެންޓެކެވެ. އޭރު މާކްގެ އުމުރުން 17 އަހަރެވެ. އެކްސިޑެންޓުގައި މާކްގެ ކޮނޑާއި އަތުގެ ނާރުތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއްވެ އަތުގެ ހަރަކާތް މުޅިން ކެނޑުނެވެ.

ނަމަވެސް އޭގެ ފަހުން ފާއިތުވީ ވިއްސަކަށް އަހަރު ވެސް މާކް ދިރިއުޅެމުން ދިޔައީ އެ ހަރަކާތެއް ނެތް އަތާ އެކުގަ އެވެ. އެ އަތާއެކު ދިރިއުޅުމަކީ ވަރަށް ބޮޑު ތަކުލީފަކަށް ވިޔަސް އެ އަތާ ވަކިވާކަށް އޭނާގެ ހިތް އެއްގޮތަކަށް ވެސް އެއްބަހެއް ނުވެ ވެއެވެ. މާކް އުންމީދު ކުރަމުން ދިޔައީ އޭނާގެ އަތުގެ ގެއްލިފައިވާ އިހްސާތައް އަނބުރާ ލިބޭ ވަރަށް މެޑިކަލް ސައިންސް ތަރައްގީ ވާނެ ދުވަހަކަށެވެ.

އެގޮތުން އެ އަތާއެކު އޭނާ 20 އަހަރު ދުވަހު އެ އުންމީދުގައި އުޅުމަށްފަހު އެންމެ ފަހުން މާޔޫސް ވެގެން އަތް ބުރިކޮށްލުމުގެ ހިތްވަރު ހޯދި އެވެ. އަދި ޔުނިވާސިޓީ އޮފް އަލްބާޓާ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ގުޅައިގެން އަތް ބުރިކޮށްލުމުގެ ސާޖަރި މިދިޔަ އޭޕްރީލްގައި މާކް ވަނީ ހަދާފަ އެވެ.

މި ސާޖަރީ އޭނާ ހެދީ ޝަރުތެއްގެ މަތިންނެވެ. އޭނާގެ ބުރިކޮށްލާ އަތް އޭނާއަށް ދޭ މަތިންނެވެ. އެއްވެސް ހާލެއްގައި އަތާ ވަކިވާކަށް މާކް ބޭނުން ނުވާތީ ޕްރިޒާވްކޮށްގެން އަތް ގެންގުޅެން ވެގެންނެވެ. ސާޖަރީއަށް މަހެއްހާ ދުވަސް ފަހުން ހޮސްޕިޓަލުގެ ލެބޯޓްރީން ގުޅާފައި މާކްގެ އަތް އޭނާއަށް އަނބުރާ ރައްދު ކުރެވޭ ވަރަށް އެ އަތް ޕްރިޒާވްކުރެވިފައިވާ ވާހަކަ ބުންޏެވެ.

"އަހަރެން ހޮސްޕިޓަލުން ގެއަށް އަތް ހިފައިގެން އައީ ކުނި އަޅާ ވައްތަރު ކޮތަޅަކަށް ލައިގެން. އޭގެ ފަހުން މަހެއްހާ ދުވަހު އަތް ބާއްވާފައި އޮންނާނީ ފްރީޒަރުގައި،" ސީޓީވީ އަށް ދިން އިންޓަވިއު އެއްގައި މާކް ބުންޏެވެ.

އެއަށްފަހު ޓެކްސިޑާމިސްޓެއް ކައިރިއަށް އަތް ގެންދިޔަ އެވެ. އަތް ހިފައިގެން އުޅެވޭ ކަހަލަ ގޮތަކަށް އެ އަތް ހަދާ ދިނުމަށް އެދި އެވެ. އެމީހާ ކުރި ކަމަކީ އެކި ކަހަލަ ފަނިފަކުސަ އާއި މަސްކާ ބާވަތުގެ އެއްޗެތި ލައްވާ އެ އަތުގައިވާ ހުރިހާ މަސްތައް ކައި ހުސް ކުރުވީ އެވެ. އަދި ހުރިހާ މަސްތައް ހުސްވެ ކަށިގަނޑަށް ވުމުން ރަނގަޅަށް ސާފުކޮށް ޕޮލިޝް ކޮށްލީ އެވެ. އިތުރު މައްސަލައެއް ނެތި މާކް ދާހާ ތަނަކަށް އެ އަތް ހިފައިގެން އޭނާއަށް ދެވޭނެ ގޮތް ހެދުމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން މާކް އުޅެނީ ކަށިގަނޑަކަށް ވެފައިވާ އެ އަތް ހިފައިގެންނެވެ. އޭނާ ކޮންމެ ތަނަކަށް ދިޔަޔަސް ޓްރޮފީއެއްހެން އެ އަތް އޭނާގެ އަތުގައި އޮންނާނެ އެވެ.

ހަށިގަނޑުގެ ގުނަވަނެއް ބުރިކޮށްލަން ޖެހުމަކީ ހީވެސް ނުކުރާވަރުގެ ނަފްސާނީ އަސަރުތަކެއް އެ ގުނަވަނުގެ ވެރިޔާއަށް ކުރާ ކަމެކެވެ. ބައެއް މީހުން މި އަސަރުތައް ކުޑަކުރަނީ ތެރަޕީ ނަގައިގެންނެވެ. ނަމަވެސް މާކް ބޭނުންވީ އަދި މިއަށް ވުރެ ތަފާތު ގޮތަކަށް މިކަން ކުރާށެވެ.